ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗުން މޮޅުވެ އިންގްލޭންޑުން ވޯލްޑްކަޕުގެ ޖާގައެއް ކަށަވަރުކުރި އިރު އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ކުޅުނު މެޗުން އެއްވަރުވެ ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގައި ވާދަކުރަން ޖެހިއްޖެ އެވެ.

އިންގްލޭންޑުން ވޯލްޑްކަޕުގެ ޖާގައެއް ކަށަވަރުކުރަން ބޭނުންވީ އެއް ޕޮއިންޓެވެ. ވޯލްޑްކަޕަށް އެ ގައުމު ކޮލިފައިވީ ރޭ ސެން މަރީނޯ 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. އިޓަލީ އެއްވަރުވީ އަޔަލޭންޑާއެވެ. އެއީ އެއްވެސް ލަނޑެއް ނުޖެހިއެވެ.

ސެން މަރީނޯ ކޮޅަށް ޖެހި 10 ލަނޑާއެކު މިއީ އިނގިރޭސި ފުޓުބޯޅައިގައި ރެކޯޑެކެވެ. މިއީ 1964 ގެ ފަހުން އިންގްލޭންޑުން 10 ލަނޑުގެ ތަފާތުން މޮޅުވި ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް އިންގްލޭންޑުން ހަ ލަނޑު ޖެހިއެވެ. މީގެތެރެއިން ހަތަރު ލަނޑަކީ ކެޕްޓަން ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުތަކެކެވެ. މި ހާފުގައި ދެން އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭން އާއި ބައިކޮޅަށް ލަނޑެއް ޖެހި ސެން މަރީނޯގެ ފިލިޕޯ އެވެ.

ހެރީ ކޭން މި މެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު އިންގްލޭންޑް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ވޭން ރޫނީގެ 53 ލަނޑުގެ ރެކޯޑާއި ވަަނީ ފަސް ލަނޑު ކައިރިކޮށްފައެވެ.

މެޗުގެ ދެ ވަނަ ހާފުގައި އިންގްލެންޑްގެ ގޯލުތައް ޖެހީ އެމީލް ސްމިތު ރޯވް، ޓައިރަން މިންގްސް، ޓެމީ އަބްރަަހަމް އަދި ބުކާޔޯ ސަކާ އެވެ. މީގެއިތުރުން ވެސް އިންގްލޭންޑަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މި މޮޅާއެކު އިންގްލޭންޑުން ވޯލްޑްކަޕަށް ކޮލިފައިވީ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު 10 މެޗުން 26 ޕޮއިންޓް އެއްކޮށްގެންނެވެ.

އެންމެފަހުން ޔޫރޯ ޗެމްޕިއަން އިޓަލީއަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. އެއީ ނޮދަން އަޔަލޭންޑް އަތުން އެއްވަރުވުމުންނެވެ. އެއާއެކު މމި ގްރޫޕުން އެއްވަނަ ސްވިޒަލޭންޑަށް ބޮޑު ފައިދާއެއް ލިބުނެވެ. އެގޮތުން އެ ޓީމު ވަނީ ބަލްގޭރިއާ 4 ލަނޑުން ބަލިކޮށް ވޯލްޑްކަޕުގެ ޖާގައެއް ހޯދާފައެވެ.

މިހާތަނަށް ވޯލްޑްކަޕަށް ގިނަ ގައުމުތަކެއް ވަނީ ކޮލިފައިވެފައެވެ. އެއީ މުބާރާތް ބާއްވާ ގަތަރުގެ އިތުރުން ދެކުނު އެމެރިކާގެ ބްރެޒިލް އާއި ޔޫރަޕުގެ ހަތް ގައުމެވެ. އެއީ ސްވިޒަލޭންޑާއި އިންގްލޭންޑުގެ އިތުރުން ޖަރުމަނު، ޑެންމާކް، ފްރާންސް، ބެލްޖިއަމް، ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ އެވެ.