ސަރަހައްދީ ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގައި ދިވެހިން އުއްމީދުކުރި ނަތީޖާއެއް ނުފެނުނެވެ. އަމިއްލަ ގައުމުގައި ބޭއްވި ފަހަރު ގިނަ ދިވެހިން އުއްމީދުކޮށްގެން ތިބީ 2008 ގެ ކާމިޔާބީ އަނެއްކާވެސް އަމިއްލަ ގައުމުގައި ތަކުރާރުކުރާނެ ކަމަށެވެ. އެ ރަތް ކުލަތަކުން މުޅި ގައުމު ފާއްދާލާނެ ކަމަށެވެ. ނަމަވެސް ކަން ނިމިގެންދިޔައީ އުއްމީދުކުރި ގޮތާއި ހިލާފަށް ގޯސްކޮށެވެ.

މުބާރާތް ރާއްޖެއިން ފެށީވެސް ބައްޔަކާއެކު އެވެ. ނޭޕާލް އަތުން ތާރީހީ ލަދުވެތި ބައްޔަކާއެކު މުބާރާތް ފަށާ ރާއްޖެއިން ބަންގްލަދޭޝް އާއި ލަންކާ އަތުން ހޯދި މޮޅުން ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ފަހު މެޗުން އިންޑިއާ އަތުން ބަލިވެ މުބާރާތާއި އަލްވަދާއުކީ އެވެ.

ދެން އަޑުއިވުނީ އެ ނާކާބިޔާބީގެ ހިތި ރަހަ ކަނޑުވާލުމަށް ލަންކާގައި ބާއްވާ މުބާރާތަކުން ދިވެހި ގައުމީ ޓީމަށް ދައުވަތު ލިބުނު ވާހަކައެވެ. އެފްއޭއެމާއި އެހެން އިދާރާތަކުން ވެސް މި މުބާރާތަށް ތައްޔާރީތައް ފެށިއެވެ. އަދި ސީޝެލްސްއާއި ލަންކާއާއި ބަންގްލަދޭޝް މުބާރާތުގައި ބައިވެރިވާތީ މިއީ ރާއްޖެއިން ފަސޭހައިން ކާމިޔާބުކުރެވިދާނެ މުބާރާތެއްކަމަށް ބުނެ ވާހަކަދައްކަން ފެށިއެވެ.

ލަންކާ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އިސާހިތަކު ކަންކަން ކުރިމަތިވީ ދިވެހިން އެންމެ ހިތްއެދުނު ގޮތަކަށް ނޫނެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ހަތަރު ލަނޑު ޖަހާފައިވަނިކޮށް މެޗުގެ އެންމެ ފަހުކޮޅު ލަންކާއިން ފަހަތުން އަރާ އެއް ކުޅުންތެރިއަކު ހަތަރު ލަނޑުޖަހާ މެޗު އެއްވަރުކުރި އެވެ. ދެވަނަ މެޗުގައި ބަންގާޅުން ވަނީ ރާއްޖެ ބަލިކޮށް 18 އަހަރުފަހުން ދިވެހިން އަތުން މޮޅުވެފައެވެ.

އޭގެފަހުން ދެން މި ބައްދަލުކުރަންޖެހެނީ ލީގުބުރުގެ ފަހު މެޗުގައި ސީޝެލްސްއާއެވެ. މިއީ އާދައިގެ މެޗެއް ނޫނެވެ. މަރުގެ މެޗެކެވެ. މި މެޗުން ދިވެހިން މޮޅުވާން މަޖުބޫރެވެ. ތާރީހީ ރަސްކަން ދެމެހެއްޓުމުގައި ވެސް މި މޮޅު މުހިއްމެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ހައިބަތު ހިފެހެއްޓުމަށް ވެސް މި މެޗުން ރާއްޖެ މޮޅެއް ހޯދަން ކޮންމެހެން ވެސް ޖެހެއެވެ.

ދިވެހި ޓީމުގެ ހަގީގީ ފެންވަރު އަދިވެސް ނުދެއްކުން، ބޮޑު މައްސަލައެއް

ކޮވިޑުގެ ބަލިމަޑުކަމުގައި އަހަރެއްހާ ދުވަސް ދިވެހިން ހޭދަކުރިއިރު ގައުމީ ޓީމުވެސް އުޅުނީ ގާތްގަނޑަކަށް ގޭގައެވެ. ދޭތެރެއަކުން އެޗްޕީއޭއާއި އެފްއޭއެމުން އަޅާ ކިނބިއްސަކުން ދެތިން ފަރިތަކުރުމެއް ބާއްވާލުމަށްފަހު އެކަން ހުއްޓެއެވެ. އެންމެފަހުން ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކުގައި މިއަހަރު ރާއްޖެއިން ވާދަކުރިއިރު އޭރު ކޮންމެ މެޗެއްގައި ވެސް ބުނަމުންއައީ ދިގު ބްރޭކަކަށްފަހު ކުޅެން ޖެހުމުން ރަނގަޅަށް ނުކުޅެވުނީ ކަމަށެވެ. ނަމަވެސް މެޗަކަށްފަހު މެޗެއް ކުރިހޯދަމުން އަންނަ ކަމަށެވެ.

އެ ކޮލިފައިންގެ މެޗުތަކަށްފަހު ދެން ކުރިމަތިލީ ސާފް ޗެމްޕިއަންޝިޕާއެވެ. މިއީ ތަށި ނަގާނެކަމަށް ހިތް ބުނަމުން އައި ފަހަރަކަށްވި އެވެ. ނަމަވެސް އެފަހަރުވެސް ކަންވީ އުއްމީދުކުރި ގޮތަކަށްނޫނެވެ. އޭގެފަހުން މިހާރު ކުރިޔަށްދާ މަހިންދަރާޖަ ޕަކްސަ މުބާރާތުގައި ވެސް ދިވެހި ޓީމުން ފެންނަނީ އުއްމީދުކުރި މަންޒަރެއް ނޫނެވެ. ފިޓްނަސް މައްސަލަ އަދިވެސް އެބަހުއްޓެވެ. ޓީމުގެ ތެރޭގައި ކުދިކުދި ކަންކަން ފެންނަން ފަަަށައިފިއެވެ.

ގައުމީ ކެޕްޓަން އަކްރަމް ގަބޫލުކުރާ ގޮތުގައި މިއީ އާ ކޯޗަކު އައުމުން ގޭމަށް ކުދިކުދި ބަދަލުތަކަށް ހޭނުމަށް ވަގުތު ނަގަނީކަމަށެވެ. އަދި ދިވެހި ޓީމުން ސާފް ޗެމްޕިއަންޝިޕުގެ ކުޅުންވެސް އަދި ނުދެއްކޭ ކަމަށެވެ.

މުބާރާތުގައި ކެޕްޓަން އަކޫ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ސަރަހައްދީ ބާރެއްކަން ސާބިތުކޮށްދޭން ކޮންމެހެންވެސް ޖެހޭ !

ދިވެހި ޓީމުން ސީޝެލްސްއާއި ދެކޮޅަށް ކުޅޭ މެޗަކީ އެތަކެއް ގޮތަކުން ހާއްސަ މެޗެކެވެ. ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލް އަތުން ރާއްޖެ ފުރަތަމަ ފަހަރަށް ބަލިވެ، ބަންގްލަދޭޝް އަތުން 18 އަހަރަށްފަހު ބަލިވުމާއެކު ސަރަހައްދީ ގައުމުތަކުން ރާއްޖެއަކީ އާދައިގެ ގައުމެއްގެ ގޮތުގައި ބަލަން ފަށައިފިއެވެ. އެ މަންޒަރު ބަދަލުކޮށްލަން ރާއްޖެ މި މުބާރާތުގެ ފައިނަލަށް ކޮންމެހެންވެސް ދާން ޖެހެއެވެ. އެއީ ދިވެހި ފުޓުބޯޅައިގެ ހައްގަށްޓަކައެވެ. ދިވެހި ސަޕޯޓަރުންގެ ހައްގުގައެވެ. އަދި އަންނަން އޮތް ޖީލުގެ ހައްގުގައެވެ.

ސަޕޯޓަރުންގެ ދައުރު ކިތަންމެހާ ރަނގަޅަށްވެސް އަދާކޮށްދީފިއެވެ. މާލޭގައި ދިވެހި ޓީމު ކުޅޭ ކޮންމެ މެޗަކަށްވެސް ދަނޑުފުރާލާ ދިވެހި ފުޓުބޯޅައަށް ފާޑުކީ މީހުންގެ އަނގަތަށް ބަންދުކޮށްލިއެވެ. އެވަރުން ނުވެގެން ލަންކާގައި ވެސް އެ މަންޒަރު ތަކުރާރުވިއެވެ. އެހެންކަމުން މިއީ އެ ސަޕޯޓަރުންގެ ހިތަށް ތަސައްލީއެއް ގެނައުމަށް ވެސް މޮޅުވުމުން މުހިއްމު މެޗެކެވެ. ސަރަހައްދީ ބާރު އިންޑިއާ އާއި ޖެހިގެން އަބަދުވެސް ރާއްޖެ އޮންނަންޖެހޭކަން ދިވެހިން ގަބޫލުކުރެއެެވެ.

މުބާރާތުގައި ދިވެހިރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިއަދު 15:30 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަރުމަން

    ގަބޫލްކުރަން ޖެހޭ ހަގީގަތަކީ މުޅި ޓީމްގެ ސްޓެމިނާރ ވަރަށް ދަށް، ދަނޑުގެ ވިނަގަނޑު ޗަކަސްވެ ގަނބާގޮތް ވުމާއި ވެދާ އަކީ ދެޓީމަށްވެސް ދިމާވާނެ މައްސަލަ، އެކަމަކު ހިތްވަރެއްލާނެ ވަރު ނެތި ކުރިޔަށް ބޯޅައެއް އަރުވާލާ ދުވެލާނެ ވަރުނެތްކަން މުޅިތީމްގެ ކިބައިންވެސް ފެންނަނީ.

    • ނަސީމާ

      ޔޫރަޕުގައި ކޭމްޕްޖަހަންވީ، އަދި ވެސް އަހަރުމެންގެ ޓެކްސް ފައިސާއިން ތިޔަ ކުރާ ބޭކާރު ޚަރަދު ހުއްޓާލަން ނުވޭތަ

  2. ޤައުމު

    ވާނީ ބަލި އަކޫ ފަހަތުގާ ފޮޅިއަޅަނީ
    ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އޭޖް ގުރޫޕް އޮސްތިއުފާ

    3
    6
  3. ނޫޑުލްސް

    ވޯލްޑްސް މޯސްޓް ޓެކްނިކަލީ ގިފްޓެޑް ޕްލެޔާސް އިޓް ސީމްސް. ލޮލް

  4. ނަންބެ

    މަސް ނުބޭނުނީމާ ކަނޑު ކޯސްވޭ ނުކުޅެވުނީމާ ދަނޑު ދޯ!

  5. ހާސިމް

    ހެހެހެހެހެހ މިއީ ޓީމެއްތަ؟ ތިޔަ އަސްފާޤް އޮންނަނީ އަބަދުމެ ހެން ޔޫސޭގެ ޑްރާމާ ގޮތަށް ވެއްޓިފައި

    3
    2
  6. ބޯރީ

    އުޅަނބޮށީގެ ކޮޅުގައިން ކަށީގެ ވަރު ދައްކައިފި