ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލްއާއި އެއްވަރުކޮށް އެ ބައްރުން ވޯލްޑްކަޕަށް ކޮލިފައިވި ދެވަނަ ގައުމަކަށް އާޖެންޓީނާ ވެއްޖެއެވެ.

ބްރެޒިލްއާއި ލަނޑެއް ނުޖެހި އެއްވަރުވި މި މެޗާއެކު އާޖެންޓީނާއަށް ވޯލްޑްކަޕުން ޖާގައެއް ކަށަވަރުވީ ރޭ ފަހުން ޗިލީ އިން އެކުއެޑޯ ބަލިކުރުމުންނެވެ.

މި ބައްރުން ވޯލްޑްކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމަކީ ބްރެޒިލް އެވެ. އާޖެންޓީނާއަށް ދެވަނަ ޖާގަ ލިބުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗިލީ 2-0 ގެ ނަތީޖާއަކުން އެކުއެޑޯ ބަލިކުރުމުންނެވެ.

މި ނަތީޖާތަކާއެކު ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ އެއްވަނައިގައި ބްރެޒިލް އޮތީ އެއްވެސް މެޗަކުން ބަލިނުވެ ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެވެ. ހަމައެގޮތަށް އާޖެންޓީނާވެސް އެއްވެސް މެޗަކުން އަދި ބައްޔެއްނުވެއެވެ. އެއީ 13 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ .

ތާވަލުގެ ތިންވަނައިގައި އެކުއެޑޯ އޮތީ ކުޅުނު 14 މެޗުން ލިބުު 23 ޕޮއިންޓާއެކު އެވެ. އަދި ކޮލަމްބިއާ އޮތީ ހަތަރުވަނައިގައި 14 މެޗުން 17 ޕޮއިންޓް އެއްކޮށްގެންނެވެ.

އާޖެންޓީނާއާއި ބްރެޒިލް ބައްދަލުކުރި މެޗުގައި ލަނޑެއް ނުފެނުނުއިރު މި މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އާޖެންޓީނާ ޓީމުން ލިއޮނަލް މެސީ މި މެޗުގައި ކުޅުނެވެ. އަދި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް މި މެޗުގައި ތަނަވަސްކުރި އެވެ.

މި ބައްރުގެ ކޮލިފައިންގައި ކޮންމެ ޓީމަކަށްވެސް އަދި ބާކީ ހަތަރު މެޗު އޮވެއެވެ. ވޯލްޑްކަޕަށް މި ބައްރުން ކޮލިފައިވާނީ ހަތަރު ގައުމެވެ. ބްރެޒިލް އާއި އާޖެންޓީނާ ކޮލިފައިވިއިރު ބާކީ ކޮލިފައިވާނެ ޖާގަ އޮތީ ދެ ގައުމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މެސީ ،އާޖެންޓީނާ ވޯލްކަޕަށް ކޮލި ފައި ކޮށްދީފި. މަރުހަބާ! ޕެނަލްދޯ އަށް ޕެނަލްޓީ އެއް ނުލިބުމުގެ ސަބަބުން ވޯލްޑްކަޕަށް ކޮލިފައި ނުކޮށްދެވުނު.! އެކަމްވެސް ބޮލެންޑިއޯ ލިބެންޖެހޭނެކަމަށް ޕެނަލްތިދޯ ވަކާލާތު ކުރޭ!! ބޮޑުޖޯކެއް!!

    1
    2
  2. މެސީ

    ގޯޓް މެސީ 🔥🔥🔥