ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ޔޫރަޕު ބައްރުން ކޮލިފައިވި ގައުމުތަކުގެ ލިސްޓަށް ނެދަލޭންޑްސް އިތުރުވެއްޖެ އެވެ.

ނެދަލޭންޑްސް މި ލިސްޓަށް އިތުރުވީ ރޭ ކޮލިފައިންގައި ނޯވޭގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އެއާއެކު މިފަހަރު ވޯލްޑްކަޕުގައި ވާދަކުރާނެކަން މުބާރާތް ބާއްވާ ގަތަރާއި އެކު 13 ގައުމަކުން ވަނީ ޔަގީންވެފައެވެ.

ވަރުގަދަ ކުޅުމެއް ނެދަލޭންޑްސްގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފަހުކޮޅުގައެވެ. އެގޮތުން ފުރަތަމަ ލަނޑު 84 ވަނަ މިނެޓުގައި އަނޯޓް ޑަންޖޫމާ ތަނަވަސްކޮށްދިން ފުރުސަތަކުން ސްޓީވެން ބާގްވައިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނެވެ.

އިރު އިތުރު ވަގުތުގައި ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއި އެވެ. އެއާއެކު އޭނާ ވަނީ ކޮލިފައިންގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި 12 ލަނޑާއެކު އޮތް ހެރީ ކޭންއާއި އަރާ ހަމަކޮށްފައެވެ.

މި މޮޅާއެކު ނެދަލޭންޑްސް އޮތީ ކޮލިފައިންގެ ގްރޫޕް ޖީގެ އެއްވަނައިގައެވެ. އެއީ ކުޅުނު 10 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. އެއާއެކު މި ގްރޫޕުން ޕްލޭއޮފް ކުޅެންޖެހޭ ގައުމަކީ މޮންޓެނިގްރޯ އެވެ.

މިއީ ނެދަލޭންޑްސްއަށް މުހިއްމު މޮޅެކެވެ. އެންމެފަހުން 2018 ގެ ވޯލްޑްކަޕަށް އެ ގައުމު ކޮލިފައިނުވުމާއި އެކު ގިނަބައެއްގެ ފާޑުކިޔުން އެ ގައުމަށް އަމާޒުވިއެވެ. އެންމެފަހުން އެ ގައުމު ވޯލްޑްކަޕުގައި ކުޅެފައިވަނީ 2014 ވަނަ އަހަރުގައެެވެ.

އެއާއެކު ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި މުބާރާތުގެ ހޯސްޓުގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން ޔޫރަޕު ބައްރުން 10 ގައުމަކާއި ދެކުނު އެމެރިކާގެ ދެ ގައުމެއް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. ޔޫރަޕުން މިހާތަނަށް ކޮލިފައިވި ގައުމުތަކަކީ އިންގްލޭންޑާއި ސްވިޒަލޭންޑުގެ އިތުރުން ސާބިއާ، ބެލްޖިއަމް، ޑެންމާކް، ފްރާންސް، ޖަރުމަނު، ކްރޮއޭޝިއާ، ސްޕެއިން އަދި ނެދަލޭންޑްސް އެވެ.