ރެއަލް މެޑްރިޑް އަދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން އުޅޭ ކަމަށް ހަބަރު ފެތުރިފައިވާއިރު، އޭނާގެ ބަދަލުގައި ރެއަލް ސަޕޯޓަރުން ކްލަބަށް ގެންނަން ބޭނުންވާ ކުޅުންެތެރިޔާ އަކީ ޕީއެސްޖީ އަދި ފްރާންސްގެ ކިލިއަން އެމްބާޕޭ ކަމަށް ސްޕެއިންގެ ނޫހަކުން ނެގި ވޯޓަކުން ދައްކައިފިއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސް އަށް ބަދަލުވުމަށް މިހާރު ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ކޮންޓްރެކްޓުގެ ޕާސަނަލް ޓާމްސް އަށް އެއްބަސްވެފައެވެ. ޔުވެންޓަސް އިން އޭނާ ގެންގަން އުޅެނީ 100 މިލިއަން ޔޫރޯއަށް ކަމަށް ވާއިރު އަހަރެއްގެ މައްޗަށް އޭނާއަށް 30 މިލިއަން ޔޫރޯ އެ ކްލަބުން ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ "އޭއެސް" އިން ވަނީ ރޮނާލްޑޯގެ ބަދަލުގައި އެ ކްލަބުގެ ސަޕޯޓަރުން ރެއަލްއަށް ގެންނަން ބޭނުންވަނީ ކޮން ކުޅުންތެރިއެއްތޯ ބަލަން ވޯޓެއް ނަގާފައެވެ. އޭނާގެ ބަދަލުގައި ގެންނަން އެންމެ ގިނަ މީހުން ބޭނުންވާނީ ބްރެޒިލްގެ ނޭމާ ކަމަށް ބެލެވުނު ނަމަވެސް އެންމެ ގިނަ ސަޕޯޓަރުން ބޭނުންވީ ނޭމާގެ ޕީއެސްޖީ ޓީމް މޭޓް ކިލިއަން އެމްބާޕޭއެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ އަށް ވަނީ ވޯޓު ލި މީހުންގެ 89.5 އިންސައްތަ ލިބިިފައެވެ. ނޭމާ އަށް ލިބިފައި ވަނީ ވޯޓުގެ އެންމެ 10.5 އިންސައްތައެވެ.

މިހާރު ފްރާންސް ސްކޮޑާއެކު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި އެމްބާޕޭ ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ވަރުގަދަ އާޖެންޓީނާ ކަޓުވާލި މެޗުގައި އޭނާ ވަނީ ދެ ގޯލު ކާމިޔާބު ކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ރެއަލް މެޑްރިޑުގެ ތާރީހުގައި އެ ކްލަބަށް އެންގެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެ ކްލަބުގެ ލެޖެންޑެކެވެ. އެހެން ކަމުން އޭނާ ނެތްތަން އެމްބާޕޭއަށް ފޫބެއްދޭނެތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.