ބާސެލޯނާއަށް އެނބުރި އައުމުން ލިބުނީ އެހެންކަހަލަ އިހުސާސެއް ކަމަށްވާ މިއީ ލިބުނު ބޮޑު ޝަރަފެއްކަމަށް ޑެނީ އަލްވޭސް ބުނެފިއެވެ.

އުމުރުން 38 އަހަރުގެ ބްރެޒިލް ޑިފެންޑަރު ބާސެލޯނާއާއި ދެވަނަ ފަހަރަށް ގުޅުނީ އެ ކުލަބުގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒްގެ އެދުމުގެ މަތިންނެވެ.

ޒަވީ އާއި އަލްވޭސް އަކީ ބާސެލޯނާގެ ރަން ދުވަސްވަރުގައި އެކުގައި ކުޅެފައި ތިބި ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންގެ މެދުގައި ރަނގަޅު ގުޅުމެއް ކުރިންސުރެއްވެސް އޮވެއެވެ. އަލްވޭސް ބާސެލޯނާގައި ކުޅެފައިވަނީ 2008 ވަނަ އަހަރުން 2016 ގެ ނިޔަލަށެވެ.

ބާސެލޯނާގައި އަލްވޭސް ބޭނުންކުރާނީ 8 ނަންބަރު ޖާރޒީއެވެ. އޭނާ ކުރިން ބޭނުންކުރި 6 ނަންބަރު ޖާރޒީ ބޭނުންކުރާނީ ޒުވާން ކުޅުންތެރިޔާ ރިކީ ޕުއިޗް އެވެ.

އަލްވޭސްއަށް އެންމެ އަވަހަށްވެސް ބާސެލޯނާގައި މެޗެއް ކުޅެވޭނީ ޖެނުއަރީގައެވެ. ނަމަވެސް އޭނާ ވަނީ މި ހަފުތާގެ އަންގާރަދުވަހު ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. އަލްވޭސް ބާސެލޯނާއަށް މި ކުޅެން ފެށީ ފަސް އަހަރު ފަހުންނެވެ.

ބާސެލޯނާއަަށް ސޮއިކުރުމަށްފަހު ކުލަބަށް ތައުރީފުކޮށް ވާހަކަދައްކަމުން އަލްވޭސް ބުނީ މިއީ މިހާރު އޮތް ކުލަބުން ކަންކަން ދަސްުކުރަންވީ ދަނޑިވަޅު ކަމަށާއި މި ކުލަބަކީ އަބަދުވެސް ހާއްސަ ގަދަރެއް ދެވިފައިވާ ކުލަބެއް ކަމަށެވެ.

ޒަވީގެ ޕްލޭނުތަކުގައި އަލްވޭސް އަކީ މުހިއްމު ކުޅުންތެރިއެކެވެ. ފަހަތުން ޖެރާޑް ޕީކޭ އާއެކު އޭނާގެ އެންމެ ބޮޑު މަގުސަދަކަށް ވާނީ ޓީމު ލައްވާ ކުޅުވުމެވެ. އަދި ޒުވާން ކުޅުންތެރިންނަށް ލީޑަޝިޕް ދައްކާ ނަތީޖާ ނެރެދިނުމެވެ.

އަލްވޭސް ބާސެލޯނާއާއި އެންމެ ފުރަތަމަ ގުޅުނީ 2008 ވަނަ އަހަރު ސެވިއްޔާ ދޫކޮށްލުމަށްފަހު އެވެ. އޭނާ ވަނީ ބާސެލޯނާގައި އެންމެ ފުރަތަމަ ހޭދަކުރި މުއްދަތުގައި ހަ ފަހަރަށް ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގަކާއި ޔުއެފާ ސުޕަ ކަޕު އަދި ކުލަބު ވޯލްޑްކަޕް ތިން ފަހަރު ހޯދައިދީފައެވެ.