އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ 30 ވަނަ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ ފުރަތަމަ ދުވަހު އެކަނިވެސް ހަސަން ސާއިދު ދެ ރަން މެޑަލް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ ދުވަހުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ މި ދެ ރަން މެޑަލް ހޯދިއިރު ކޮވިޑުގެ ހާލަތާއި ގުޅިގެން މި މުބާރާތް މިދިޔަ އަހަރު ނުބާއްވަައެވެ.

މިއީ މާލޭ އެކުވެނި އައުޓްޑޯގައި ސިންތެޓިކް ޓްރެކެއް އެޅިފަހުން އެތަނުގައި ބޭއްވި އެސޯސިއޭޝަނުގެ ފުރަތަމަ ދުވުމުގެ މުބާރާތެވެ. މިހާތަނަށް ވެސް އެސޯސިއޭޝަނުގެ މުބާރާތްތައް ބޭއްވީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގއެވެ. އެންމެފަހުން މި މުބާރާތް ބޭއްވީ 2019 ވަނަ އަހަރުގައެވެ.

ފުރަތަމަ ދުވަހު ސާއިދު ރަންމެޑަލް ހޯދާފައިވަނީ ދެ އިވެންޓަކުންނެވެ. އެއީ 100 މީޓަރު ދުވުމުންނާއި ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ ޓީމު އިވެންޓުންނެވެ.

މުބާރާތުގެ 100 މީޓަރު ދުވުމުގެ ފައިނަލް ހީޓު ސާއިދު ކާމިޔާބުކުރީ 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ބައިގެ ދެވަނައަށް ދިޔައީ ސާއިދު ސްޕޯޓްސްގެ ޒުވާން ދުވުންތެރިޔާ އިބާދުﷲ އާދަމެވެ. އޭނާ ރޭސް ނިންމާފައިވަނީ 10.95 ސިކުންތުންނެވެ. ސާއިދު ސްޕޯޓްސްގެ ނުޖޫމް ހަސަން ތިންވަނައަށް ރޭސް ނިންމީ 11.27 ސިކުންތުންނެވެ.

ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ ޓީމު އިވެންޓުން ސާއިދު ރަންމެޑަލް ހޯދީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެ ޓީމު ރަން މެޑަލް ހޯދާ ރޭސް ނިންމީ 03:37 މިނެޓުންނެވެ. ދެވަނަ ހޯދި ސާއިދު ސްޕޯޓްސް އިން ރޭސް ނިންމާފަައިވަނީ 03:39 މިނެޓުންނެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން 100 މީޓަރު ދުވުން ކާމިޔާބުކުރީ ކުލަބު ރާވެރިޔާގެ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނެވެ. އޭނާ ރޭސް ނިންމީ 12.45 ސިކުންތުންނެވެ. އަންހެން ހަތަރެއް ގުނަ 400 މީޓަރު ދުވުމުން އެއްވަނައަށް ދިޔައީ ކުލަބު ރައިވެރިޔާއެވެ. މި މުބާރާތުގެ ފިރިހެން 10،000 މީޓަރު ދުވުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބުގެ މުޙައްމަދު ރަޝީދެވެ.