ޕެނަލްޓީގައި މުބާރާތް ބޭއްވި ސްރީލަންކާ ބަލިކޮށް މަހިންދަ ރާޖަޕަކްސް ފޯ ނޭޝަންސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސީޝެލްސް ހޯދައިފިއެވެ.

މިއީ ސީޝެލްސްގެ ފުޓުބޯޅައިގައި ބޮޑު ކާމިޔާބީއެކެވެ. އެންމެފަހުން އެ ގައުމުން ބޮޑު ކާމިޔާބީއެއް ހޯދީ 2011 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދިފަހުން އޭގެފަހުން މިހާތަނަށް ބޮޑު މުބާރާތެއްގައި އެ ގައުމަށް ތަފާތު ދެއްކިފައެއް ނުވެއެވެ.

ސީޝެލްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 ގެ ނަތީޖާގައި އޮތުމުން ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. ޕެނަލްޓީގައި ލަންކާއަށް ކާމިޔާބުކުރެވުނީ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ ޖެހި ޕެނަލްޓީ އެކަންޏެވެ. ސީޝެލްސް ވަނީ ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ޕެނަލްޓީގައި ލަންކާ ބަލިވުމުން ކުޅުންތެރިން މާޔޫސްވެފައި-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ހަތަރު ގައުމާއެކު ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ސްރީލަންކާ ކަށަވަރުކުރީ ބަންގްލަދޭޝް ބަލިކޮށްގެންނެވެ. އަދި ސީޝެލްސް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރާއްޖެއާއި އެއްވަރުކޮށްގެންނެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 އިން ކާމިިޔާބުކުރީ ސީޝެލްސް އެވެ.

މި މެޗުގެ ޝަރަފްވެރި މެހެމާނަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. މީގެއިތުރުން ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމަލް ރާޖަޕަކްސަ އާއި ފުޓުބޯޅަ ފެޑެރޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މެޗުގެ ޝަރަފްވެރި މެހެމާނު ފީފާގެ ރައީސް އިންފަންޓީނޯ މެޗު ކުޅުނު ދަނޑުގައި-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މެޗު ކުޅުނުއިރު ދަނޑު ފެނުނީ ވަރަށް ޗަކަކޮށެވެ. ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ދަނޑުގެ ހާލަތު އޮތްގޮތުން ރަނގަޅަށް ނުކުޅެވުނެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ތަނަވަސްކުރި އެވެ.

މެޗު ރަނގަޅަށް ފެށީ ސްރީލަންކާއިންނެވެ. ތަފާތު ރޫހެއްގައި އެ ޓީމު ފެނިގެންދިޔަ އިރު ގިނަ އަދަދެއްގެ ބަޔަކު މި މެޗު ބެލުމަށް ދަނޑަށް ވަދެފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗު ބަލަން ދަނޑަށް ވަދެތިބި ސަޕޯޓަރުން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގެ ކުރީކޮޅު ލަންކާއިން ވަނީ ލަނޑެއްޖަހާފައެވެ. މިއީ ހިލޭޖެހުމެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ސީޝެލްސް ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެފަހުން ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ސީޝެލްސް އިން ނަތީޖާ ހަމަހަމަކުރި އެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރެއްގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި ލަންކާއިން ދެވަނަ ފަހަރަށް މި މެޗުގައި ލީޑުނެގިއެވެ. މިއީ އޭރިއާތެރެއަށް ނެގި ބޯޅައެއްގައި އާކިބް ކާމިޔާބުކުރި ރީތި ލަނޑެކެވެ. މި ލަނޑު ޖެހިއިރު އޭނާ ހުރީ އޭރިއާ ތެރޭގައި ހުސްކޮށެވެ. މި ލަނޑު ޖެހުމާއެކު އޭނާ ވަނީ ބަދަލުކޮށްފައެވެ.

ލަންކާއާއި ސީޝެލްސް ކުޅުނު މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ލަންކާއިން ވަނީ 73 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ އޭރިއާ ތެރެއަށް ލަންކާގެ ފޯވާޑް ވަސީމް ރަސީކް ވައްޓާލުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީވެސް ކާމިޔާބުކޮށްދިނީ ވަސީމް އެވެ. މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީވެސް އޭނާއެވެ.

މެޗު ނިމެން ގާތްވެފައިވަނިކޮށް ސީޝެލްސް ވަނީ ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން ދެވަނަ ލަނޑަކީ ނެގި ހުރަހެއް ޑިފެންޑްކުރަން އުޅުމުގެ ތެރޭގައި ލަންކާގެ ޑިފެންޑަރު ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސީޝެލްސް ނަތީޖާ ހަމަހަމަކުރީ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް އެލީޖާ ވުޑްލޭ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ލަންކާގެ ކީޕަރު ކައިރިން ރީތިކޮށް ނައްޓާލުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސޭނު

    ލަންކާގަ އަޑުބަރޭއެއް ނެތްތަ... އަޑޭ ކައޭ ތި ކުރިކަންތަކުން ދިވެހިން ހާދަ ލަދެއް ގަންނުވާފިއޭ..

    12
  2. ޙުސްނާ

    ކޮބާތަ އަޑުބަރޭ... އަޑޭ މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ...

    12
  3. ޖުއްބާ

    އައްދެ. މަހީކުރީ ރާއްޖެކަމައް ޗެންޕިއަންކަން ހޯދީ، ޖާމިނު އަޑުބަރޭގެ ގޯލަކުން....

    11