ސްރީލަންކާގައި ކުރިޔަށްދިޔަ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލަންކާ ގައުމީ ކީޕަރު އަދި ކެޕްޓަން ސުޖަން ޕެރޭރާއަށް ލިބިއްޖެއެވެ.

ރާއްޖެ ހިމެނޭގޮތަށް ހަތަރު ގައުމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީޝެލްސް އެވެ. އެއީ ފައިނަލުގައި ލަންކާއާއި ވާދަކޮށް 3-3 އިން ނަތީޖާ އެއްވަރުވުމުން ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

ލަންކާއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ކީޕަރު ސުޖަން ޖެހި ޕެނަލްޓީ އެކަންޏެވެ. ސީޝެލްސްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ. މީގެއިތުރުން މެޗުތެރެއިން ލިބުނު ޕެނަލްޓީއެއް ވެސް ސުޖަން މަތަކޮށްފައިވެއެވެ.

މީގެއިތުރުން މި މުބާރާތުގައި އެންމެ ގިނަ ލަނޑުޖަހާ ރަންބޫޓު ހާސިލުކޮށްފައިވަނީ ލަންކާގެ އިތުބާރު ފޯވާޑް ވަސީމް ރަސީކް އެވެ. ޖަރުމަނަށް އުފަން މި ކުޅުންތެރިޔާއަށް ލަންކާގައި ކުޅުމުގެ ފުރުސަތު ދީ ލަންކާ ޕާސްޕޯޓެއް ދީފައިވަނީ މިދިޔަ އަހަރުގައެވެ.

މުބާރާތުގެ ރަން ބޫޓު ވަސީމް ރަސީކް އަށް ހަވާލުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ސުޖަން އަކީ ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކީޕަރެކެވެ. ކުލަބް އީގަލްސްގެ ގޯލު ގިނަ އަހަރުތަކެއް ވަންދެން އޭނާ ބެލެހެއްޓިއިރު އޭނާ ޓްރެއިންކޮށްފައި ވަނީ ރާއްޖޭގައި ތިބި ތަޖުރިބާކާރު ގޯލްކީޕަރު ޓްރޭނަރުންނެވެ. މިއަދުވެސް ސުޖަން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ އޭނާގެ ދެވަނަ ގެއެވެ.

ސުޖަން ގަބޫލުކުރާ ގޮތުގައި ފައިނަލުން ބަލިވި ނަމަވެސް ލަންކާ ފުޓުބޯޅަ އަލުން ދިރުމެއް އަންނަތަން ފެނުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމަށެވެ. އަދި މިއީ އާ ފެށުމެއްގެ ގޮތުގައި ދެކި ލަންކާ ފުޓުބޯޅަ ކުރިޔަށްއޮތް ތަނުގައި ރަނގަޅުވާތަން ފެނުމަކީ އެންމެ ދެކެން ބޭނުންވާ ދުވަސްކަމަށް ވެސް ސުޖަން ބުންޏެވެ.

މުބާރާތުގައި ވާދަކޮށްފައިވަނީ ހަތަރު ގައުމެކެވެ. އެއީ ރާއްޖެއާއި ސީޝެލްސްގެ އިތުރުން ބަންގްލަދޭޝް އާއި ސްރީލަންކާ އެވެ. މުބާރާތުން ބަންގްލަދޭޝް އާއި ރާއްޖެ ވަނީ ކަޓާފައެވެ. މި މުބާރާތުގައި ދިވެހި ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެއާއެކު ގިނަބައެއްގެ ފާޑުކިޔުންތަކެއް ދިވެހި ޓީމަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮލި މުލައް

    ރާއްޖޭގެ އަޑުބަރޭއަށް މުބާރާތުގެ ފެއަރޕްލޭ ލިބުނުވާހަކަ ޖަހާލުން ރަނގަޅު

  2. ޖުއްބާ

    އަހާނ.... ކޮބާ އަޑުބަރޭއައް ދޭނެ އެވޯޑެއް ނެތްތަ... އޭނަވަކި ކަޑައީތަ ކުޅުންލެއް؟؟!