މި ސީޒަނުގައި ޕީއެސްޖީއަށް ބަދަލުވުމަށްފަހު އަނިޔާގައި ހޭދަކުރި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އެ ޓީމުގެ ކުޅުންތެރިންނާއެކު ފުރަތަމަ ފަހަރަށް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ރާމޮސް ޕީއެސްޖީގެ ފުރަތަމަ ޓީމާއެކު ފަރިތަކުރުންތައް ފެށިއިރު މި ސީޒަނުގައި އެ ކުލަބަށް ބަދަލުވިފަހުން ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާ ފަރިތަކުރީ ޓީމާއި ވަކިންނެވެ. އެއީ އަނިޔާއިން ރަނގަޅުވާން ވަކި ފިޓްނަސް ޓްރޭނަރަކާއެކުއެވެ.

ރެއާލް މެޑްރިޑުގެ ކެޕްޓަންކަން ވެސް ކުރި ރާމޯސް އެ ކުލަބު ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ނިމިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ ޕީއެސްޖީއަށް މެޗެއް ނުކުޅެއެވެ. އޭނާ އުޅުނީ އަނިޔާއިން ރަނގަޅުވޭތޯއެވެ. ކޮންމެ ފަހަރަކުވެސް ރަނގަޅުވާން ގާތްވަނިކޮށް އަނިޔާ އިތުރަށް ގޯސްވިއެވެ.

އެއާއެކު ޕީއެސްޖީން ރާމޮސް ވިއްކާލުމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. ނަމަވެސް މި މަންޒަރާއެކު ޕީއެސްޖީން ރާމޮސް ވިއްކާލަން އުޅޭކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން ރާމޮސް އާއި މެސީ

މެސީއާއި ރާމޮސް ބޮޑަށް ފާހަގަކުރެވުނީ މި ދެ ކުޅުންތެރިން ސްޕެނިޝް ލީގުގެ ގަދަ ދެ ބާރު ކަމަށްވާ ބާާސެލޯނާއާއި ރެއާލް މެޑްރިޑުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. ދިހަ އަހަރު ވަންދެން މި ދެ ކުޅުންތެރިން އެކުގައި އެލް ކްލަސިކޯ މެޗުތަކެއް ކުޅުނުއިރު ޖުމްލަ 45 މެޗެއް މި ދެ ކުޅުންތެރިންނާއެކު ކުޅެފައިވެއެވެ. އޭރު ގިނަ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މެސީއާއި ރާމޮސް އަކީ ދެ ހަތުރުންނެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ޕީއެސްޖީއާއި ގުޅުނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސެވިއްޔާ އިން 2005 ގައި ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވެ ރެކޯޑުތަކެއް ހަދާފައެވެ. އޭނާ ވެގެންގޮސްފައިވަނީ ރެއާލް މެޑްރިޑުގެ ތާރީހުގައި އެންމެ ކާމިޔާބު ކެޕްޓަނަށެވެ.

ރެއާލް މެޑްރިޑުގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 671 މެޗު ކުޅެ 22 ތަށި އެ ކުލަބަށް ހޯދައިދީގައެވެ. އަދި އެ ކުލަބަކަށް ގިނަ ލަނޑުތަކެއް ވެސް އޭނާ ޖަހައިދީފައިވެއެވެ. ނަމަވެސް ރެއާލްގައި ހޭދަކުރި ފަހުކޮޅު އަނިޔާގެ މައްސަލަ ކުރިމަތިވެ ޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަލިބުން މަދުވިއެވެ.