ޖަރުމަނު ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ބަޔާން މިއުނިކް ބަލިކޮށް އޮގްސްބާގް އިން ރެލިގޭޝަނުން ސަލާމަތްވެ ތާވަލުގެ ކުރިޔަށް ޖެހިލައިފިއެވެ.

ރަށުންބޭރުގައި ބަޔާން މިއުނިކް ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބަޔާންގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

މި މޮޅާއެކު އޮގްސްބާގް ވަނީ މިވަގުުތަށް ރެލިގޭޝަން ޕްލޭއޮފްގެ ބިރުން ސަލާމަތްވެ ޖަރުމަނު ލީގުގެ ތާވަލުގެ 15 ވަނަ މަގާމަށް ޖެހިލާފައެވެ. އެއީ ކުޅުނު 12 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ތާވަލުގެ އެއްްވަނައިގައި އަދިވެސް ރަސްކަންކުރަމުން އަންނަނީ ބަޔާން މިއުނިިކް އެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 12 މެޗުން 28 ޕޮއިންޓާއެކު އެވެ.

ލަނޑު ޖެހުމަށްފަހު އޮގްސްބާގް އިން އުފާފާޅުކުރަނީ

މެޗުގައި ފުރަތަމަ ލަނޑުޖެހީ އޮގްސްބާގް އިންނެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެޑަސަން އެވެ. އޭގެފަހުން މެޗުގެ 35 ވަނަ މިނެޓުގައި ހާން ވަނީ އެ ޓީމަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ބަޔާން އިން ވަނީ ސުން ކަނޑުވާލާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލެވަންޑޮސްކީ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބަޔާންގެ ކޯޗު ނާގަލްސްމަން ބުނީ މިއީ އުއްމީދުކުރި ނަތީޖާއެއް ނޫންކަމަށާއި ބަޔާންގެ ކޯޗުކަމުގެ މަގާމާއި ހަވާލުވިފަހުން މިއީ މިހާތަނަށް އެންމެ ހިތްހަމަނުޖެހުނު މެޗު ކަމަށެވެ.

"އަހަރެމެން (ބަޔާން) އޮގްސްބާގް އަށް ގިނަ ޖާގަތަކެއް ދިން، ގޯސްތަކެއް ވެސް ހެދުމުން ގިނަވަގުތު ޓީމުން ބޯޅައެއް ނުގެންގުޅުނު، މިޑްފީލްޑް ލައިނުން ގިނަ ފައިދާތަކެއް ނެގެން އޮތް، އެކަމަކުވެސް އޭގެ ބޭނުމެއް ނުކުރި" ހިތްހަމަނުޖެހުން ފާޅުކުރަމުން ނާގަލްސްމަން ބުންޏެވެ.

މި މެޗަކީ ބަޔާންގެ ތަރި ތޯމަސް މުލާ އެ ކުލަބުގެ ތާރީހުގައި ކުޅުނު 600 ވަނަ މެޗެވެ. މި މެޗާއި އެ ޓީމު ކުރިމަތިލިއިރު ކޮވިޑުގެ ސަބަބުން މުހިއްމު ތިން ކުޅުންތެރިންނެއް ތިބީ ޓީމާއި އެކަހެރިވެފއެވެ. މީގެތެރޭގައި އެ ޓީމުގެ އިތުބާރު މިޑްފީލްޑަރ ޖޮޝުއާ ކިމިޗް ހިމެނެއެވެ.