ނޭޕާލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަދި ކީޕަރު ކިރަން ޝެމްޝޮންގް ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

ކުރިޔަށްއޮތް ސީޒަނަށް މާޒިޔާއިން ތައްޔާރުވާން ފަށާފައިވާއިރު އެ ކުލަބާއި ގުޅުނު ކިރަން ވަނީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނޭޕާލް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މީގެއިތުރުން ކިރަން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ. އެގޮތުން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކުލަބް ކަޕުގެ ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއަކީ ކިރަން އެވެ.

މިއީ ރާއްޖޭގެ ކުލަބް ފުޓުބޯޅައިގެ ތާރީހުގައި ބޮޑު ކާމިޔާބީއެކެވެ. ރާއްޖެ އެފަހަރު ޗެމްޕިއަންކަން ހޯދީ ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓިޒަން ބަލިކޮށްގެންނެވެ.

މާޒިޔާއިން އާ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެ ކުލަބުގެ އާ ކޯޗަކަށް ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ހަމަޖައްސާފައެވެ. އޭނާއާއެކު ޓީމުގެ ފަރިތަކުރުންތައް ފެށިއިރު އިތުރު ބިދޭސީ ކުޅުންތެރިންތަކެއް ގެންނަން އެ ޓީމުން ވަނީ އަމާޒުހިފާފައެވެ.

އަންނަ ޑިސެމްބަރު މަހު ފަށާ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާން އެންމެ ފުރަތަމަ ފެށި އެއް ޓީމަކީ މާޒިޔާއެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މާޒިޔާގައި ހިމެނޭއިރު މިހާތަނަށް އެ ޓީމުން ފަރިތަކުރުންތައް ކުރިޔަށްގެންދިޔައީ އެ ކުޅުންތެރިން ނުލައެވެ. އެއީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕަށް ކުޅުންތެރިންނަށް ރިލީޒްދިނުމާއި ގުޅިގެންނެވެ.