ލެސްޓާ ސިޓީ އަތުން ހޯދި މޮޅާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޗެލްސީ ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

މި މޮޅާއެކު ޗެލްސީ ތާވަލުގެ އެއްވަނައިގައި މިހާރު އޮތީ ކުޅުނު 12 މެޗުން 29 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަދި ތިންވަނައިގައި އޮތް ވެސްޓްހޭމް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. އެއީ 11 މެޗުން 23 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ސިޓީއަށް ކުރިލިބެއެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުން ލީޑުނެގިއެވެ. ބެން ޗިލްވެލް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާއެވެ.

މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޗެލްސީގެ އެންގޯލޯ ކަންޓޭއަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އެ ބޭކާރުވިއެވެ. ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި އޭނާ ވަނީ ރީސް ޖޭމްސް ދިން ރީތި ބޯޅައަކުން ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.

ޗެލްސީން ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 71 ވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑަކީ ދެވަނަ ހާފުގައި ކުޅެން އެރި ހަކީމް ޒިޔެކް ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކުރި ލަނޑެކެވެ.