އިނގިރޭސި ޕްރިމިއަރ ލީގުގައި ވޮޓްފޯޑް އަތުން މެންޗެސްޓަރ ޔުނައިޓެޑު ލަދުވެތިގޮތަކަށް ބަލިވެއްޖެ އެވެ .

ވޮޓްފޯޑްގެ ދަނޑުގައި ކުުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށް ޔުނައިޓެޑު ލަދުގަންނުވަލާފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނީ ފީކަޅާ ކުޅުމެކެވެ.

މި ބައްޔާއެކު ޔުނައިޓެޑު މިހާރު އޮތީ ތާވަލުގެ ހަތްވަނައިގައި 17 ޕޮއިންޓާ އެކުއެވެ. މި މެޗު ކާމިޔާބުކުރި ވޮޓްފޯޑް އޮތީ ތާވަލުގެ ތޭރަ ޕޮއިންޓާއެކު 16 ވަނައިގަ އެވެ.

ޔުނައިޓެޑުގެ ދަށް ފޯމާއެކު އެ ޓީމުގެ ބަލިވުމުގެ ސިލްސިލާއަށް މިއީ އިތުރުވި ބޮޅެކެވެ އެންމެފަހުން ޔުނައިޓެޑުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ވަނީ ތިން މެޗުން ބަލިވެފައެވެ. އެއާއެކު އެ ޓީމުގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރަންޖެހޭ ކަމުގެ އަޑުތައް އަނެއްކާވެސް ވަރުގަދަވެއްޖެ އެވެ.

މެޗުގެ ކުރީކޮޅު ވޮޓްފޯޑަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ މި ޕެނަލްޓީ ހުށިޔާރުކަމާއެކު ދިފާއުކުރި އެވެ. މެޗުގެ 28 ވަނަ މިނެޓްގައި ޖޯޝުއާ ކިންގް ވަނީ ވޮޓްފޯޑަށް ލީޑު ނަގައިދީފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ސާ އެވެ.

މެޗުގެ ފުރަތަމަ ހާފު ވޮޓްފޯޑް ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވެން ޑި ބީކް ވަނީ ޔުނައިޓެޑަށް ސުން ކަނޑުވާލާފައެވެ. އޭނާ ކުޅެންވެސް އެރީ ދެވަނަ ހާފުގައެވެ.

ޔުނައިޓެޑަށް ކުރިމަތިވި ޕްރެޝަރުތަކާއެކު އެ ޓީމަށް ބޮޑު މައްސަލައެއް ޖެހުނީ މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާއަށް ދެ ރީނދޫ ކާޑު ހަމަވެ ރަތެއް ދައްކަންޖެހުމުންނެވެ. އެއާއެކު އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދަނިކޮށް ވޮޓްފޯޑް އިން މެޗުގެ ފަހުކޮޅު ދެ ލަނޑު ކާމިޔާބުކޮށް ޔުނައިޓެޑު ލަދުގަންނުވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު