މެންޗެެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް އެ ކުލަބުން އެމަޖެންސީ ބޯޑު ބައްދަލުވުމެއް ފެށިގެން ކުރިޔަށްދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ބާއްވާ މި އޮންލައިން ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ސޯލްޝެއާ މަގާމުން ވަކިކުރުމާއި މެދު ގޮތެއް ނިންމާ އޭނާގެ މުސާރައަށް ދެން ކަންތައްކުރާނެ ގޮތެއް ނިންމުމަށެވެ.

ޔުނައިޓެޑުން އެމަޖެންސީ ބޯޑު ބައްދަލުވުމެއް އެޖެންޑާކުރީ އިނގިރޭސި ޕްރިމިއަރ ލީގުގައި ވޮޓްފޯޑް އަތުން ޔުނައިޓެޑް 4-1 އިން ބަލިވި މެޗަށްފަހު މާގިނައިރުތަކެއް ނުވަނީހެވެ.

ސޯލްޝެއާގެ ބަދަލުގައި ޔުނައިޓެޑުން އެންމެ ބޮޑަށް ކަޅިއަޅަމުން އަންނަ އެއް ކޯޗަކީ ރެއާލް މެޑްރިޑުގައި ކާމިޔާބު ކޯޗިން ކެރިއަރެއް ހޭދަކުރި ޒައިނުއްދީން ޒިދާން އެވެ. މީގެއިތުރުން ބްރެންޑަން ރޯޖާސްއަށް ވެސް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 48 އަހަރުގެ ސޯލްޝެއާއާއެކު ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން އެ ކުލަބަށް މޮޅުވެވުނީ އެންމެ 4 މެޗުންނެވެ. މީގެތެރޭގައި ވާދަވެރި ޓީމުތައް ކަމަށްވާ މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ފަދަ ކުލަބުތަކުގެ އަތުން ލިބުނު ލަދުވެތި ނަތީޖާތައް ފާހަގަކޮށްލެވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޒިދާންއަށް ޔުނައިޓެޑުން ވަނީ ކޯޗުކަމާއި ހަވާލުވާން ހުށައެޅުން ހުށައަޅާފައެވެ. ނަމަވެސް ސީޒަނުގެ މެދުތެރެއިން ކުލަބާއި ހަވާލުވާން ޒިދާން އެއްބަސްނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ދެން ކޯޗުކަމަށް ގެންނާނެކަމަށް އަޑުގަދަވި އެކަކަކީ ބްރެންޑަން ރޯޖާސް އެވެ. ނަމަވެސް އެންމެފަހުން އޭނާ ވަނީ އެއީ ހަގީގަތެއް ނެތް ވާހަކައެއްކަމަށް ބުނެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    ރޮނާ، ކަޔޭވެސް ދެން އެހެން ޓީމަކައް ދެމިގަނޭ. ޔުނައިޓެޑުތީ ކަޑަ ޓީމެއްކަން ކަޔެއައް މިހާރު އިނގޭނެ.

    • ޙަލީމް

      ޓީމު ކަޑަވަނީ ކުޅުންތެރިން ކަޑަވީމާ. ރޮނާ އަކީވެސް މިހާރު ކަމެއް ކުރެވޭ މީހެއް ނޫން. ރޭގެ މެޗުންވެސް އެކަން އެނގުނެއްނު.