ފްރެންޗް ލީގަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކުޅެން ފެށިފަހުން ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު ޕީއެސްޖީން ނޯންޓްސް ގެ މައްޗަށް އަތްގަދަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.

މި މޮޅާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑެއްގައެވެ. އެއީ ކުޅުނު 14 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ރެންއަށް ލިބެނީ 25 ޕޮއިންޓެވެ. އެއީ 14 މެޗުންނެވެ. ނޯންޓް އޮތީ ތާވަލުގެ 11 ވަނައިގައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑުނަގައިދީފައެވެ. މިއީ ލެއާންޑްރޯ ޕަރެޑޭސްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެމްބާޕޭ ކާމިޔާބުކުރީ ނޯންޓްސް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށެވެ.

ލަނޑު ޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ

ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފުގައި ޕީއެސްޖީއަށް މައްސަލައެއް ކުރިމަތިވިއެވެ. އޭރިއާ ބޭރުން ނޯންޓްސްގެ ލުޑޮވިޗް ބްލާސްއަށް ފައުލުކުރުމުން ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސްއަށް ވަނީ ރަތެއް ދައްކާފައެވެ.

އެއް ކުޅުންތެރިއަކު މަދުން ކުޅެނިކޮށް އޭގެ ފައިދާ ނަގައިގެން މެޗުގެ 76 ވަނަ މިނެޓުގައި ނޯންޓްސް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ރަންޑަލް ކޮލޯ މުއާނީ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހިތާ ޕީއެސްޖީން އަނެއްކާވެސް ލީޑުނެގިއެވެ. އެކަމަކު މިއީ ނޯންޓްސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މިއީ ލިއޮނަލް މެސީ ކާމިޔާބުކުރި ހިތްގައިމު ރީތި ލަނޑެކެވެ. މިއީ މި ސީޒަނުގައި ޕީއެސްޖީއަށް ބަދަލުވިފަހުން މެސީ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.