އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލިއިރު، މި މެޗުގެ ދެވަނަަ ހާފުގައި ލިވަޕޫލުން އާސެނަލްގެ ޒަމާން ދުއްވާލާފައިވާ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އާސެނަލް އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ ފުރަތަމަ ހާފު 1-0 އިން ލިވަޕޫލް ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުމުން ދެވަނަ ހާފުގައި ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ފެންނާނެކަމަށް އުއްމީދުކުރި ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ނޫންކަމަށް ކޯޗު ބުންޏެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. ދެވަނަ ހާފުގައި އާސެނަލުގެ ނޫނޯ ޓަވަރޭސް ހެދި ގޯހެއްގައި ޑިއޯގޯ ޖޮޓާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ ފުޅާކޮށްފައެވެ.

މީގެއިތުރުން މެޗުގެ 73 ވަނަ މިނެޓުގައި މާނޭ ދިން ޕާހަކުން މުހައްމަދު ސަލާހު ލިވަޕޫލުގެ ތިންވަނަ ލަނޑު ޖެހިއިރު މިއީ މި ސީޒަނުގައި ސަލާހުގެ 11 ވަނަ ލަނޑެވެ. ހަތަރުވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓަކޫމީ މިނަމީނޯއެވެ. މިއީ ލީގުގައި އޭނާގެ ފުރަތަމަ ލަނޑެވެ.