ހޫނުފެނަށް އެޅިފައިވާ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ނޯވޭގެ އޮލަ ގުނަ ސޯލްޝެއާ ވަކިކޮށްފައިވާކަން އެ ކުލަބުން ރަސްމީކޮށް ހާމަކޮށްފިއެވެ.

ރޭ ވޮޓްފޯޑް އަތުން ޔުނައިޓެޑު ލަދުވެތި ނަތީޖާއަކުން ބަލިވި މެޗަށްފަހު އެ ކުލަބުން ވަނީ އެމަޖެންސީ ބޯޑު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ބޯޑުން ނިންމީ ސޯލްޝެއާ ވަކިކުރުމަށެވެ. މި ނިންމުން މިއަދު ތަންފީޒުކުރީ ކުލަބުގެ އިސްވެރިންނެވެ.

ޔުނައިޓެޑްގެ ކޯ އޯނަރު ޖޮއެލް ގްލޭޒާ މީގެކުރިން ޔުނައިޓެޑު ލިވަޕޫލާއި ސިޓީ އަތުން ބަލިވި މެޗަށްފަހު ވެސް ބޯޑުން އޭނާ ވަކިކުރަން ލަފާދިން ކަމަށްވެއެވެ. ނަމަވެސް އެފަހަރު ގްލޭޒާ އެކަމެއް ފާހެއް ނުކުރެއެވެ. ނަމަވެސް މިފަހަރު އޭނާ ވަކިކުރަން ފާސްކުރީ ގިނަ ބައެއްގެ ޕްރެޝަރުތަކުގެ ސަބަބުންނެވެ.

ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސޯލްޝެއާ ވަނީ މަގާމުގައި ނުހުރެދާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އޭނާ ބުނީ ވަޒީފާ ގެއްލިދާނެތީ ކަންބޮޑުނުވާ ކަމަށާއި އެންމެ ކަންބޮޑުވަނީ ކުޅުންތެރިން އޭނާ ބޭނުންވާ ވަރަށް މަސައްކަތް ނުކުރާތީ ކަމަށެވެ.

މީގެކުރިން ޔުނައިޓެޑަށް ކުޅުނު ސޯލްޝެއާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމުގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ސޯލްޝެއާ ވަކިކުރުމާއެކު މެންޗެސްޓަރ ޔުނައިޓެޑުގެ ކުރިޔަށްހުރި މެޗުތަކުގައި ޓީމު ހިންގުމުގައި ހަރަކާތްތެރިވާނީ މައިކަލް ކެރިކް އެވެ. އަދި ވަރަށް އަވަހަށް ޓީމަށް ކޯޗެއް ގެންނާނެކަމަށް ވެސް އެ ކުލަބުން ބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމުގެ މަގާމާއި ސޯލްޝެއާ ހަވާލުވީ ޑިސެމްބަރު 2018 ގައިއެވެ. އެފަހަރު އޭނާ ހަވާލުވީ އެ ޓީމުގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އޭގެފަހުން މާރޗް 2019 ގައި އޭނާ ވަނީ ޔުނައިޓެޑާއެކު 3 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.