ކްލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް އަތުން އެޗްޑީސީ މޮޅުވިއިރު އަންހެން ޑިވިޝަންގެ ޗެމްޕިއަން އެމްޕީއެލް އިން ފެނަކަ ޓީމު ބަލިކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީން ޗެމްޕިއަން ބީއެމްއެލް ބަލިކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އަންހެން ބައިގައި އެމްޕީއެލް އިން ފެނަކަ މައްޗަށް ކުރިހޯދީ 5-0 ގެ ބޮޑު ތަފާތަކުންނެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބޭއްވިއިރު މި ރަސްމިއްޔާތުގައި އެންމެފަހުގެ ޗެމްޕިއަންކަން ބީއެމްއެލް ހޯދާފައިވުމުން އެ ޓީމަށް ބެޖު ވަނީ ދީފައެވެ. ބީއެމްއެލް އަކީ 2019 ގެ ޗެމްޕިއަނުންނެވެ.

ބީއެމްއެލް އަށް ބެޖު ހަވާލުކުރަނީ--- ވަގުުތު އިމޭޖަސް: ޖެރީ

ރާއްޖޭގެ ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ކަމަށްވާ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާއި އިޝާން އިބްރާހިމް (ސައްޓު) ފަދަ ކުޅުންތެރިންނާއެކު ބީއެމްއެލް އަށް ފުރަތަމަ މެޗުގައި މާ ބޮޑު ކަމެއް ނުކުރެވުނު އިރު މި މެޗުގައި އެ ޓީމު ކޮޅަށް ތިން ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމީން މުހައްމަދު (ޔާންޓޭ) އެވެ. މީގެތެރެއިން ޝާއްޕެ ތިން ލަނޑު ޖެހިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ދެން ކުޅުނީ ދިރާގާއި ކުލަބް އިމިގްރޭޝަނެވެ. މި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ވަނީ ނިމިފައެވެ.

މުބާރާތުގެ އަންހެން ބައިގައި ކުޅުނު މެޗެއްގެ ތެރެއިން--- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މުބާރާތުގެ އަންހެން ޑިވިޝަނުގައި ފެނަކައިގެ މައްޗަށް އެމްޕީއެލް ކުރިހޯދި އިރު ފެނަކަ ޓީމަށް ފިލިޕީންސްގެ ފެންވަރު ރަނގަޅު ދެ ކުޅުންތެރިން ލިސްޓުގައި ހިމެނިއެވެ. ނަމަވެސް ރޭގެ މެޗުގައި އެ ކުޅުންތެރިންނަށް ދަނޑުމަތީގައި މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އެމްޕީއެލްގެ ބިދޭސީ ކީޕަރު ކަމަށްވާ އަޒަމް އަބާކީ ގެ ރީތި ސޭވްތަކާއެކު އޭނާ ވަނީ މި މެޗުގައި ފެނަކައިގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.

މި މެޗުގައި އެމްޕީއެލް ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ބިދޭސީ ފޯވާޑް މަދީނާ ފަޒިލޮވާ އެވެ. އަނެއް ތިން ލަނޑު ކާމިޔާބުކުރީ އާމިނަތު ޝާމިލާ، ފާތިމަތު ޖޫޒާން ޒަރީރު އަދި ފާތިމަތު ސާލިޔާ އެވެ.

ރޭ ދެން ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ. ސިފައިން މި މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޑީއެސްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ފޯވާޑް ސަބީނާ ހާތުންނެވެ. އަނެއް ލަނޑު ޖެހީ މަރްޔަމް ހިފާ އެވެ.

މެޗުގައި ޕޮލިސް ކްލަބުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކުރިން ގައުމީ ޓީމަށް ކުޅުނު ފަދުވާ ޒާހިރެވެ. މި ލަނޑުގެ އިތުރުން ޕޮލިހުންނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މުބާރާތުގައި މިރޭ ކުރިޔަށްދާނީ ފިރިހެން ޑިވިޝަނުގެ ހަތަރު މެޗެވެ. މި ހުރިހާ މެޗެއްވެސް ކުރިޔަށްދާނީ ހުޅުމާލޭ ރެހެނދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ.