ޕެނަލްޓީގައި 3-4 އިން ރަޝިޔާ ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ސެމީފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމުވެސް އޮތީ 2-2 އިން އެއްވަރުވެފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 31 ވަނަ މިނެޓްގައި ރަޝިޔާ އިން ވަނީ ލީޑުނަގާފައެވެ. މި ގޯލު ރަޝިޔާ އަށް ކާމިޔާބުކޮށްދިނީ ޑެނިސް ޗެރިޝޭވް ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ރަޝިޔާގެ ފުރަތަމަ ގޯލު ޗެރިޝޭވް ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ނަމަވެސް މެޗުގެ 39 ވަނަ މިނެޓްގައި މަންޒުކިޗް ދިން ޕާހަކުން ކްރަމަރިޗް ވަނީ ކްރޮއޭޝިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ރަޝިޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ކްރޮއޭޝިއާގެ އިވާން ޕެރިސިޗް އަށް ވަނީ ލީޑު ނަގަން މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރަޝިޔާ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ޕެރިސިޗް ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ރަޝިޔާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު ޔެރޯހިން އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ކްރޮއޭޝިއާ މޮޅުވި ޕެނަލްޓީ ރަކިޓިޗް ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މެޗުގެ 90 މިނެޓް ހަމަވިއިރު ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގައި ވީޑާ ވަނީ ކްރޮއޭޝިއާ އަށް މެޗުގެ ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ރަޝިޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް މޮޑްރިޗް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ވީޑާގެ މި ގޯލާއެކު ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް 15 މިނެޓްގެ ދެވަނަ ހާފްގެ ފަހުވަގުތުކޮޅުތެރޭ މާރިއޯ ފަނާންޑޭސް ވަނީ ރަޝިޔާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

15 މިނެޓްގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ދެން ނެރެން ޖެހުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ކްރޮއޭޝިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ލޫކާ މޮޑްރިޗް އާއި އިވާން ރަކިޓިޗް ބްރޮޒޮވިޗްގެ އިތުރުން ވީޑާއެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ ކޮވަސިޗް އަށެވެ.

ރަޝިޔާ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ. ރަޝިޔާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޒަގޮއޭވް އާއި އިގްނާޝެވިޗްގެ އިތުރުން ކުޒްޔޭވްއެވެ. ޕެނަލްޓީތައް ކާމިޔާބު ނުކުރެވުނީ ސްމޮލޯވްގެ އިތުރުން މާރިއޯ ފަނާންޑޭސް އަށެވެ.

މި މެޗުން ކްރޮއޭޝިއާ މޮޅުވިއިރު މިއީ 1998 ވަނަ އަހަރަށްފަހު އެޓީމަށް މުބާރާތުގެ ސެމީއަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ސެމީގައި އަންނަ ބުދަ ދުވަހު ކްރޮއޭޝިއާ ނިކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ.