ކުރެއްދޫ އައިލޭންޑް ރިސޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ 11 ވަނަ އެނިވާސަރީ ކަޕް ފުޓުބޯޅަ މުބާރާތް ހަތަރު ޓީމާއެކު ފަށައިފިއެވެ.

މި މުބާރާތް އެ ރިސޯޓުގައި އެންމެ ފަހުން ބާއްވާފައިވަނީ 2019 ގައެވެ. އޭގެކުރިން ގަވާއިދުން ކޮންމެ އަހަރަކުން ބާއްވަމުން ގޮސް ކޮވިޑުގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު މި މުބާރާތް އެ ރިސޯޓުގައި ބާއްވާފައެއް ނުވެއެވެ.

މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަން ތާވަލުކޮށްފައިވަނީ ނޮވެެންބަރ 22 އިން ޑިސެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މި މުބާރާތް ހުޅުވުމުުގެ ރަސްމިއްޔާތުގައި ބޮޑުބެރުގެ ކުރެއްދޫ ބޮޑުބެރު ގްރޫޕުގެ އައިޓަމަކާއި ރިސޯޓުގެ ދެ އިސްވެރިން ކަމަށްވާ މުޙައްމަދު މޫސާ (އުއްޗު) އާއި ލާސް ބައިވެރިވެވަޑައިގެންނެވި އެވެ

އެނިވާސަރީ ކަޕުގައި މިފަހަރު ވާދަކުރާ ހަތަރު ޓީމަކީ އެފްސީ ކުރެއްދޫ، އިންނަހުރާ، ކުރެއްދޫ ޔުނައިޓެޑު އަދި ހުރަވަޅި އެވެ. ލީގު އުސޫލުން މި މުބާރާތް ކުރިޔަށްދާއިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރު ބައްދަލުކުރާނެ އެވެ. މީގެތެރެއިން ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 10 ގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ އެފްސީ ކުރެއްދޫ އާއި އިންނަހުރާ އެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެފްސީ ކުރެއްދޫ އެވެ. މި މެޗުގައި ކުރެއްދޫ ޓީމުގެ ހަތަރު ލަނޑުވެސް ޖަހާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ އުސާމް އެވެ

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލޭންޑް ރިސޯޓުން ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދާފައިވަނީ އެމްއެންޑީއެފް އެވެ. މީގެކުރިން މި މުބާެރާތުގައި ކައިރި ރަށްރަށުން ބައިވެރިވިއިރު މިއީ އިންނަހުރާ ރިސޯޓުން މި މުބާރާތުގައި ބައިވެރިވާ ދެވަނަ ފަހަރެވެ. އަދި ކުރެއްދޫ ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކުރެއްދޫ ޔުނައިޓެޑާއި ހުރަވަޅި ރިސޯޓެވެ