އަންނަ މަހު ފަށާ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވަމުން އަންނަ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނ.ކެނދިކުޅުދޫގައި ކޭމްޕުކޮށްފިއެވެ.

މި ޓްރެއިނިން ކޭމްޕުގެ ތެރެއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާއިރު ދާދިފަހުން އެ ޓީމާއި ގުޅުނު ކުޅުންތެރިން ވެސް ވަނީ މި ކޭމްޕުގައި ޓީމާއެކު ބައިވެރިވެފައެވެ.

އެގޮތުން ނޭޕާލްގެ ގައުމީ ކީޕަރު ކިރަން ޝެމްޝޮންގް އާއި ރާއްޖޭގެ ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޢަނީގެ އިތުރުން ހައިޝަމް ހަސަންވެސް ވަނީ މި ކޭމްޕުގައި ޓީމާއެކު ބައިވެރިވެފައެވެ

ކެނދިކުޅުދޫއަށް ދިއުމުން އެ ރަށުގެ ކައުންސިލް އާއި ރައްޔިތުން ވަނީ މާޒިޔާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ކޭމްޕުގައި އެ ރަށުގައި 10 ދުވަސް ހޭދަކުރާނެ ކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ.

މާޒިޔާއިން އާ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެ ކުލަބުގެ އާ ކޯޗަކަށް ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ހަމަޖައްސާފައެވެ. އޭނާއާއެކު ޓީމުގެ ފަރިތަކުރުންތައް ފެށިއިރު އިތުރު ބިދޭސީ ކުޅުންތެރިންތަކެއް ގެންނަން އެ ޓީމުން ވަނީ އަމާޒުހިފާފައެވެ

އަންނަ ޑިސެމްބަރު މަހު ފަށާ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާން އެންމެ ފުރަތަމަ ފެށި އެއް ޓީމަކީ މާޒިޔާއެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މާޒިޔާގައި ހިމެނޭއިރު މިހާތަނަށް އެ ޓީމުން ފަރިތަކުރުންތައް ކުރިޔަށްގެންދިޔައީ އެ ކުޅުންތެރިން ނުލައެވެ. އެއީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕަށް ކުޅުންތެރިންނަށް ރިލީޒްދިނުމާއި ގުޅިގެންނެވެ

ކެނދިކުޅުދޫގައި ފީފާ އެޕްރޫވްކޮށް ދަނޑެއް އޮންނައިރު އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން އާ ސީޒަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަމުގެ ހައިސިއްޔަތުން މާޒިޔާ އާއި ރަނަރަޕްކަން ހޯދި ޓީމުގެ ހައިސިއްޔަތުން ކުލަބް ކުލަބް ވެލެންސިއާ އެވެ.

.