ވޯލްޑް ކަޕުން ބްރެޒިލް ކެޓުމަކީ ކެރިއަރުގައި އައި އެންމެ ހިތާމަވެރި ވަގުތުކޮޅު ކަމަށް، ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ބުނެފިއެވެ.

ބްރެޒިލް މިފަހަރުގެ މުބާރާތުން ކަޓާފައިވަނީ ކުއާޓާފައިނަލްގައި ބެލްޖިއަމް އާއި ބައްދަލުކޮށް 2-1 އިންނެވެ. ބްރެޒިލް އަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ހީކުރި އެއް ޓީމެވެ.

ބްރެޒިލް މުބާރާތުން ކެޓުމާ ގުޅިގެން ނޭމާ އޭނާގެ "އިންސްޓަގްރާމް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ކެރިއަރުގައި އައި އެންމެ ހިތާމަވެރި ވަގުތުކޮޅު ކަމަށާއި މުބާރާތުގައި އިތުރަށް ކުރިއަށް ގޮސް ތާރީހީ ކަމެއް ކުރަން ފުރުސަތު ލިބި އޭގެ ބޭނުން ނުހިފުމުން އެކަމާ ވަރަށް ބޮޑަށް ހިތްދަތިވާ ކަމަށެވެ.

އަދި ފުޓްބޯޅަ އަލުން ކުޅެން ހިތްވަރު ހޯދަން ވަރަށް އުނދަގޫވާ ކަމަށްވެސް ނޭމާ ބުންޏެވެ.

"މި ޓީމުގައި ހިމެނުނީތީ އެކަމާ އަހަރެން އުފާކުރަން. މި ޓީމުގައި ހިމެނުނު ހުރިހާ ކުޅުންތެރިންނާއި މެދު ވެސް އަހަރެން ފަހުރުވެރިވަން. އަދި އަހަރުމެންނަށް ހިތްވަރުދީ މެސެޖުތައް ފޮނުވި ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަން" ނޭމާ ބުނެފައިވެއެވެ.

ބްރެޒިލް މުބާރާތުން ކެޓިއިރު މި މުބާރާތުގައި ނޭމާ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން މުބާރާތުގައި ބްރެޒިލް އިން ކުޅުނު ފަސް މެޗުގައި ނޭމާ އަށް ކާމިޔާބު ކުރެވުނީ އެންމެ ދެ ގޯލެވެ.

ވޯލްޑް ކަޕް މީގެކުރިން ފަސް ފަހަރު ބްރެޒިލް އިން ކާމިޔާބުކޮށްފައިވާއިރު އެޓީމަށް މުބާރާތުގެ ފައިނަލަށް އެންމެފަހުން ދަތުރުކުރެވުނީ 2002 ވަނަ އަހަރުއެވެ. އެފަހަރު ބްރެޒިލް އިން ވަނީ ޖަރުމަނު ބަލިކުރުމަށްފަހު މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.