ޔުއެފާ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ބަލިކޮށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވާ މެންޗެސްޓަރ ޔުނައިޓެޑުން ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ލިބުނު ހިތްދަތިކަމުން އަރައިގަތުމަށް ޔުނައިޓެޑަށް ލިބުނު ބޮޑު ހިތްވަރެކެވެ. މިދިޔަ ފަހަރުގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑު ވަނީ ގްރޫޕްސްޓޭޖުން ކަޓާފައެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑު ގަދަ 16 އިން ޖާގައެއް ހޯދައިދިނުމުގައި ބޮޑު ރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި މެޗުގައި ވެސް ރޮނާލްޑޯ ލަނޑެއް ޖެހިއިރު އޭނާ ވަނީ މި މެޗާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑު ކުޅުނު ފަސް މެޗުގައި ހަ ލަނޑުޖަހާ ޔުނައިޓެޑަށް މެޗުތައް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ހިއްސާއެއް ވެފައެވެ

ޔުނައިޓެޑު ގަދަ 16 ގެ ޖާގަ ކަށަވަރުކުރީ ގްރޫޕުގައި ކުޅުނު ފަސް މެޗުން ޖުމްލަ 10 ޕޮއިންޓް އެއްކޮށްގެންނެވެ. ގްރޫޕުގެ ދެވަނަ މަގާމުގައި ޔުނައިޓެޑު އަތުން ބަލިވި ވިޔަރެއާލް އޮތީ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓާއެކު އެޓަލަންޓާ އެވެ. ފުލުގައި ޔަންގް ބޯއިސް އޮތީ ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓާއެކު އެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސޯލްޝެއާ ވަކިކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި އެ ޓީމުގެ ވަގުތީ ކޯޗުގެ ގޮތުގައި އުޅުނީ މައިކަލް ކެރިކް އެވެ.

މެޗުގައި ޔުނައިޓެޑުގެ ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ލީޑު ނަގައިދިނީ ވިޔަރެއާލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ސަންޗޯ ކާމިޔާބުކުރި އިރު މިއީ އެ ޓީމަށް ބަދަލުވުމަށް ފަހު ސަންޗޯ ޖެހި ފުރަތަމަ ލަނޑެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބަޔާން މިއުނިކް ވަނީ 2-1 އިން ޑިނަމޯ ކިއޭވް ބަލިކޮށް ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފައެވެ. މީގެއިތުރުން ގްރޫޕް އެޗްގައި ޗެލްސީން ފަސޭހަކަމާއެކު ޔުވެންޓަސް 4-0 އިން ވަނީ ބަލިކޮށްފައެވެ.