މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނ.ކެނދިކުޅުދޫގައި ކުރަމުންދާ ކޭމްޕުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި މާޒިޔާއިން އެ ރަށު ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އިން ކެނދިކުޅުދޫގައި ކޭމްޕުކުރަން ނިންމީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. މި ކޭމްޕުގައި އެ ޓީމަށް އަލަށް ގުޅުނު ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފައެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ޓީމާއި ދެކޮޅަށް ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްފައިވަނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. ދެން އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އިބްރާހިމް ވަހީދު ހަސަން އާއި ހަސަން ޝިފާޒް، ހައިޝަމް ހަސަން، މުހައްމަދު އިރުފާން، މިއިން ކޮންމެ ކުޅުންތެރިއަކު ކާމިޔާބުކުރި ލަނޑެވެ.

ކެނދިކުޅުދޫ އާއި ދެކޮޅަށް ކުޅުނު މާޒިޔާގެ ފުރަތަމަ އެގާރަ-- ފޮޓޯ: މާޒިޔާ

މި މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ކެނދިކުޅުދޫއަށް ވަޑައިގެން މި މެޗުގައި މެހެމާނެއްގެ ގޮތުގައި ކުޅެފައެވެ.

މާޒިޔާއަށް މި ސީޒަނުުގައި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ނޭޕާލްގެ ކެޕްޓަން އަދި ކީޕަރު ކިރަން ޝެމްޝޮން އާއި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުން ވިދާލި ހައިޝަމް ހަސަން އަދި ރާއްޖޭގެ ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޢަނީ ފާހަގަކޮށްލެވެއެވެ.

މާޒިޔާ އާއި ކެނދިކުޅުދޫ ބައްދަލުުކުރި މެޗުގެ ތެރެއިން-- ފޮޓޯ: މާޒިޔާ

މި ކޭމްޕުގައި އެ ރަށުގައި 10 ދުވަސް ހޭދަކުރާނެ ކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ. މާޒިޔާއިން އާ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެ ކުލަބުގެ އާ ކޯޗަކަށް ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ އާ ސީޒަން ފަށާނީ އަންނަ މަހުގެ ތެރޭގައެވެ. އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން އާ ސީޒަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަމުގެ ހައިސިއްޔަތުން މާޒިޔާ އާއި ރަނަރަޕްކަން ހޯދި ޓީމުގެ ހައިސިއްޔަތުން ކުލަބް ކުލަބް ވެލެންސިއާ އެވެ