ފްރާންސްގެ ބެެލޮންޑިއޯ އެވޯޑު 2021 ގެ އެންމެ މޮޅު 21 އަހަރުންދަށުގެ ކުޅުންތެރިޔާ ނުވަތަ ކޮޕަ ޓްރޮފީ އުމުރުން 19 އަހަރުގެ ސްޕެއިންގެ ތަރި ޕެޑްރީ ހޯދައިފިއެވެ.

ބާސެލޯނާއަށް ކުޅެމުން އަންނަ ޕެޑްރީ މި އެވޯޑު އުފުލާލާފައިވަނީ ވަރުގަދަ ކުޅުންތެރިންތަކަކާއި ވާދަކޮށްގެންނެވެ. މި އެވޯޑު އޭނާ އުފުލާލީ އިންގްލޭންޑުގެ އުއްމީދީ ތަރި ޖޫޑް ބެލިންގްހަމް އާއި ބުކަޔޯ ސާކާ އާއި ވާދަކޮށްގެންނެވެ.

ކޮވިޑުގެ ސަބަބުން މި އެވޯޑު މިދިޔަ އަހަރު ނުބާއްވާއިރު މި އެވޯޑު އެންމެ ފަހުން އުފުލާލާފައިވާ ދެ ކުޅުންތެރިންނަކީ ފްރާާންސްގެ ތަރި އަދި މިހާރު ޕީއެސްޖީގައި ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އާއި ޔުވެންޓަސްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ މަޓިއަސް ޑި ލިޖް އެެވެ.

މިދިޔަ ސީޒަނުގައި ޕެޑްރީ ވަނީ ގައުމީ ޓީމާއި ބާސެލޯނާއަށް ޖުމްލަ 73 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ ޔޫރޯގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

އޭނާ ވަނީ އެއް ބިލިއަން ޕައުންޑްގެ ރިލީޒް ކްލައުސް އަކާއެކު ބާސެލޯނާއާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިފަހަރުގެ ބެލޮންޑޯ އެވޯޑު އުފުލާލާފައިވަނީ ލިއޮނަލް މެސީ އެވެ. މިއީ އޭނާ މި އެވޯޑު އުފުލާލި 7 ވަނަ ފަހަރެވެ. އެއާއެކު އޭނާ ވެފައިވަނީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ ގޮތުގައެވެ.