އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ޗެލްސީ ހަމަޖެހިލިއިރު ލިވަޕޫލް އާއި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކުޅުނު މެޗުންވެސް މޮޅުވެއްޖެ އެވެ.

ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ ކުޅުނު 14 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސިޓީއަށް 14 މެޗުން 32 ޕޮއިންޓް ލިބޭއިރު ތިންވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 31 ޕޮއިންޓާއެކުއެވެ.

ލީގުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވެފައިވަނީ ރަށުންބޭރުގައި ވޮޓްފޯޑް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ.

ޗެލްސީން ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި މޭސަން މައުންޓެވެ. އޭނާ މި ލަނޑު ޖެހީ ކައި ހަވާޓްޒް ދިން ޕާހަކުންނެވެ.

ނަމަވެސް ވޮޓްފޯޑުން ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމަނުއެލް ޑެނިސްއެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރެެއްގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކުރި މަސައްކަތުން ޗެލްސީ އަނެއްކާވެސް ލީޑުނެގީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ހަކީމް ޒިޔެޗް އެވެ.

ޖޮޓާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ތާވަލުގެ ތިންވަނަ މަގާމުގައި އޮތް ލިވަޕޫލް މޮޅުވީ އެވަޓަން އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން މެޗުގެ ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑުނަގައިދިން އިރު މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން މުހައްމަދު ސަލާހް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފު 38 ވަނަ މިނެޓުގައި އެވަޓަން އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެމަރާއި ގްރޭ އެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިންނެވެ. ދެވަނަ ހާފުގަި ލިވަޕޫލްގެ ތިންވަނަ ލަނޑު 64 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން އިރު ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޮގޯ ޖޮޓާ އެވެ.

ސިޓީން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ސިޓީ މޮޅުވީ އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މެޗުގެ 27 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ރުބެން ޑިއާސް ސިޓީގެ ފުރަތަމަ ލަނޑު ޖެހި އިރު ސިޓީން ލީޑު ފުޅާކުރީ ބެނާޑޯ ސިލްވާއެވެ.

އެސްޓަންވިލާ އިން ސުން ކަނޑުވާލީ މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައެވެ. ލިބުނު ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސް އެވެ. މިއީ އެސްޓަންވިލާގެ ކޯޗުކަމާއި ސްޓީވަން ޖެރާޑް ހަވާލުވިފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު