ސްޕެނިޝް ލީގުގައި އެތްލެޓިކް ބިލްބާއޯ 1-0 އިން ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރެއާލް މެޑްރިޑްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. އަދި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ކަށަވަރުކޮށްފައެވެ.

މީގެއިތުރުން ބިލްބާއޯ އިންވެސް ވަނީ މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ބިލްބާއޯގެ އިނާކީ ވިލިއަމްސް ތަނަވަސްކުރި ފުރުސަތު ފާހަގަކޮށްލެވެއެވެ.

ބިލްބާއޯ އަތުން ހޯދި މި މޮޅާއެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެގޮތުން އެ ޓީމު އޮތީ ކުޅުނު 15 މެޗުން ލިބުނު 36 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 14 މެޗުން 29 ޕޮއިންޓާއެކުއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރެއާލުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ކަރިމް ބެންޒެމާ ކާމިޔާބުކޮށްފައި ވަނީ ލޫކާ މޮޑްރިޗުގެ އެހީތެރިކަމާއެކު އެވެ. މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ބެންޒެމާ ދައްކަމުން އަންނައިރު މިއީ މި ސީޒަނުގައި އޭނާގެ 12 ވަނަ ލަނޑެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑަށް ދެން މެޗެއް އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ކުޅޭ މެޗުގައި އެ ޓީމު ބައްދަލުކުރާނީ މަޔޯކާއާ އެވެ.