ބާސެލޯނާ އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ، ޗައިނާ ލީގުގެ ކްލަބެއް ކަމަށްވާ ގުއާންޒޫ އެވަގްރެނޭޑަށް އަނެއްވެސް ބަދަލުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ޕައުލީނިއޯ ބާސާ އާއި ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ގުއާންޒޫ އެވަގްރެނޭޑުން 40 މިލިއަން ޔޫރޯގެ އަގަކަށެވެ.

ޕައުލީނިއޯ އަލުން އެނބުރި ގުއާންޒޫ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނެއްގެ ދަށުންނެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމުން އޭނާ ގަތުމުގެ ފުރުސަތު ވެސް އެ ކްލަބަށް އޮންނާނެ ކަމަށް ބާސާ އިން ހާމަކުރެއެވެ.

ކުރިން ޓޮޓެންހަމް އަށް ވެސް ކުޅުނު ޕައުލީނިއޯ ވަނީ ބާސާގައި ހޭދަކުރި މުއްދަތުގައި 49 މެޗު ކުޅެދީ ނުވަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގު އަދި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ބްރެޒިލް ޓީމުގައި ވެސް ޕައުލީނިއޯ ހިމެނުނުއިރު އޭނާ އަކީ އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ބްރެޒިލް ވަނީ މުބާރާތުގެ ކުއާޓާފައިނަލްގައި ބެލްޖިއަމް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.