އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ކޮޅަށް ޖެހި ދެ ލަނޑާއެކު ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި 801 ލަނޑު ހަމަކޮށްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު މެޗުން އެ ޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯއެވެ.

އެއާއެކު އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 801 ލަނޑުގެ ތެރެއިން ޔުނައިޓެޑުގައި އޭނާގެ ލަނޑުތަކުގެ އަދަދަކީ 130 އެވެ. އެ ދެ ފަހަރެއްގެ މަތިން އެ ކުލަބުގައި ކުޅެގެންނެވެ.

އޭނާގެ ކެރިއަރު އުމުރުން އެންމެ 17 އަހަރުގައި ފެށި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގައި ފަސް ލަނޑު ޖެހިއިރު ރެއާލް މެޑްރިޑުގައި 450 ލަނޑު ކާމިޔާބުކުރި އެވެ. އަދި ޔުވެންޓަސްއަށް 101 ލަނޑާއި ޕޯޗުގަލް ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި ފަހުން 115 ލަނޑު ކާމިޔާބުކޮށްފައިވެއެވެ

މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ދަނީ އެ ކުލަބުގައި ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް މުހިއްމު މެޗުތަކުގައި އެ ޓީމު މޮޅުވާން އެހީތެރިވެދީފައެވެ. މީގެއިތުރުން އޭނާ ވަނީ ކެރިއަރުގައި ޖުމްލަ 1095 މެޗު ކުޅެފައެވެ.

އާސެނަލް އަތުން ޔުނަައިޓެޑު މޮޅުވި މި މެޗުގައި ރޮނާލްޑޯ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭގައެވެ. މިއީ ރަޝްފޯޑުގެ އެހީއާއެކު ޔުނައިޓެޑު ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ލަނޑަކީ މެޗުން ޔުނައިޓެޑު މޮޅުކޮށްދިން ލަނޑެވެ. މިއީ ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.