މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގައި އަރަމުން އަންނަ ކުޅުންތެރިޔާ އިސްމާއިލް ޖީހާން މުހިންމު މޮޅެއް ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފިރިހެން ފުރަތަމަ ޑިވިޝަންގައި ޖީހާން ނުކުތީ އެމްޕީބީއޭ ރޭންކިންގެ ތިންވަނައިގައި އޮތް އަހުސަން ހާޝިމްއާ ދެކޮޅަށެވެ. ޖީހާނަކީ ރޭންކިންގެ 19 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ.

ރޭ ކުޅުނު އެ މެޗުގައި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އަހުސަންގެ މައްޗަށް ޖީހާން ކުރި ހޯދީ 9-8 ފްރޭމުންނެވެ. އެ މެޗުގެ ކުރިން މިދިޔަ ބުދަ ދުވަހު އަހުސަނާއި ޖީހާން ވެސް ވަނީ މޮޅެއް ހޯދައިފައެވެ. ޔޫސުފް ޒުބައިރާ ވާދަކޮށް 9-7 ފްރޭމުން އަހުސަން މޮޅުވި އިރު، ޖީހާން ވަނީ 9-2 ފްރޭމުން މުހައްމަދު ސާހިން ބަލިކޮށްފައެވެ.

ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް ވަނީ އޭނާ ކުޅުނު ދެވަނަ މެޗުން ވެސް ރޭ މޮޅުވެފައެވެ. ހާމިދު ފައިސަލާ ވާދަކޮށް ޝާޒް މޮޅުވީ 9-3 ފްރޭމުންނެވެ. އެ މެޗުގެ ކުރިން މިދިޔަ ބުދަ ދުވަހު ވެސް ޝާޒް ވަނީ 9-4 ފްރޭމުން ރޭންކިންގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒް ބަލިކޮށްފައެވެ.

މުބާރާތުގައި އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް ގިނަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ވެސް ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގެ މެޗުތަކެއް ކުޅެވިގެންދާނެއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ. މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ބީޖީ ސްޕޯޓްސް، މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.