ޓްރާންސްފަރ މާކެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސްއަށް ގެނައި ހަގީގީ އަގާއި އޭނާ ޔުނައިޓެޑަށް ވިއްކާލި ހަގީގީ އަގު ހޯދުމަށް އިޓަލީގެ ޕްރޮސެކިއުޓަރުން އަނެއްކާވެސް މަސައްކަތް ފަށައިފިއެވެ.

އިޓަލީގެ ޓުރިން އަށް ނިސްބަތްވާ ޕްރޮސެކިއުޓަރުން މި މައްސަަލަ އަނެއްކާވެސް ބަލަން ފެށިއިރު މީގެކުރިންވެސް މި މައްސަލައިގައި ގިނަ ކަންކަން ބަލާފައިވެއެވެ. އޭރު މަައްސަލައެއް ފާހަގައެއް ނުވިއެވެ. ނަމަވެސް މި މައްސަލަ އަނެއްކާވެސް ބަލަނީ ބަލަންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަވުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ޓުރިންގެ ޕްރޮސެކިއުޓަރުން ބަލަނީ ޔުވެންޓަސްގެ ސީނިއާ ވެރިން ކުޅުންތެރިން ގެނައުމުގައި ފޭކު ޓްރާންސެކްޝަން ތަކެއް ހިނގާފައިވޭތޯ އާއި އިންވެސްޓަރުންނާއި ދެމެދު ކުރެވުނު މުއާމަލާތްތަކަށެވެ.

ޔުވެންޓަސް އިން ބުނެފައިވަނީ ކަމާބެހޭ އިދާރާތަކުގެ ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ. އިޓަލީގެ ފުލުހުން ވަނީ ދާދިފަހުން މި މައްސަލައިގައި ހެކި ހޯދުމަށް މިލާން އަދި ޓުރިން ގައި ހުރި ކުލަބުގެ އޮފީހަށް ވަދެފައެވެ. އަދި ހެކީގެ ގޮތުގައި ކުޅުންތެރިންގެ ކޮންޓްރެކްޓް ތަކާއި އިންވޮއިސް ތަކުގެ އިތުރުން މާލީ ލިޔެކިޔުންތައް ގެންގޮސްފައިވެއެވެ.

ފުލުހުން ތުހުމަތުކުރާ ގޯސް މުއާމަލާތްތަކުގެ ތެރޭގައި މިދިޔަ އޯގަސްޓް މަހު 47 މިލިއަން ޕައުންޑަށް ޔުވެންޓަސް އިން އެޓަލަންޓާއަށް ވިއްކާލި ކުޅުންތެރިޔާގެ މައްސަލަ ހިމެނެއެވެ. އަދި ހަމަ އެ ދުވަހު އޭނާ ވަނީ 13.5 މިލިއަން ޕައުންޑަށް ޔުވެންޓަސް ދޫކޮށް އެޓަލަންޓާ އަށްވެސް ސޮއިކޮށްފައެވެ. މިއީ ޔުވެންޓަސްގެ 42 ޓްރާންސްފަރ ތަކުގެ ތެރެއިން ފުލުހުން ބަލާ އެއް މައްސަަލައެވެ.

މީގެއިތުރުން މީގެ ދެ އަހަރުކުރިން ޔުވެންޓަސް އިން މެންޗެސްޓަރ ސިޓީއަށް 27.4 މިލިއަން ޕައުންޑަށް ބަދަލުވި ޔާއޮ ކަންސެލޯގެ ޓްރާންސްފަރ ވެސް ހިމެނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މައްސަލަތައް ސާބިތުވެއްޖެ ނަމަ ޔުވެންޓަސް އިޓަލީގެ ދެވަނަ ޑިވިޝަނަށް ރެލިގޭޓުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަނީ މިދިޔަ އޯގަސްޓް މަހު 19 މިލިއަން ޕައުންޑަށް މެންޗެސްޓަރ ޔުނައިޓެޑަށް ވިއްކާލި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްސަލައެވެ. މިހާ ކުޑަ އަގެއްގައި ރޮނާލްޑޯ ވިއްކާލިއިރު އެ ދުވަސްވަރަކީ ކުލަބުގެ މާލީ ހާލަތު ދަށްވެގެން އުޅުނު ދުވަސްވަރެކެވެ.

އިޓަލީގެ ލަ ގެޒެޓް ޑެލޯ ސްޕޯޓް އިން ރިޕޯޓުކޮށްފައިވާ ގޮތުން ޔުވެންޓަސްގެ ޑިރެކްޓަރުންގެ ފޯންކޯލު ރެކޯޑުތަކެއް ވަނީ ލީކުވެފައެވެ. މި ރެކޯޑިން ތަކުގައި ރޮނާލްޑޯ ޓްރާންސްފާގެ އެއްވެސް ލިޔެކިޔުމެއް ކުލަބުގައި ހުރެގެން ނުވާނެކަމަށް ބުނެފައެވެ.

ޔުވެންޓަސް އަށް ކުޅެދިން 134 މެޗުގައި 101 ލަނޑު ރޮނާލްޑޯ ޖެހިއިރު މިވަރުގެ ކުޅުންތެރިއަކު އެހާ ކުޑަ އަގެއްގައި ވިއްކާލީ ކީއްވެތޯ ސުވާލުކުރުމުން އެ ސުވާާލަށް އެންމެ އެކަށީގެންވާ ގޮތުގައި ކުލަބުގެ ވެރިންނަށް ޖަވާބު ދެވިފައިނުވާ ކަމަށްވެއެވެ.