ކުރިޔަށްއޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ނ.ކެނދިކުޅުދޫގެ ކީޕަރެއް ސޮއިކޮށްފިއެވެ.

މިއީ ނ.ކެނދިކުޅުދޫއަށް މާޒިޔާ މިހާރު ކުރަމުންދާ ކޭމްޕުގެ ތެރެއިން އެ ރަށުގެ ޓީމާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ފާހަގަކޮށްލެވުނު ކީޕަރެއް ކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ. އެ ކީޕަރަކީ އުމުރުން 19 އަހަރުގެ އިސްމާއިލް ރާއިފްގެ (ރާއްޕެ) އެވެ.

މާޒިޔާއިން ރާއްޕެގެ ސޮއި ހޯދިއިރު އޭނާ އެ ކުލަބަށް ސޮއިކުރީ މާޒިޔާއާއި ދެކޮޅަށް ކުޅުނު ދެ މެޗުގައި ކެނދިކުޅުދޫ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުން މާޒިޔާގެ ކޯޗިން ސްޓާފުންނަށް ފާހަގަކުރެވުމުނުް ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

މި ޓްރެއިނިން ކޭމްޕު މާޒިޔާއިން ފަށާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގައެވެ. އަދި ކޭމްޕު ނިންމާލުމަށްފަހު މިއަދުގެ ވަގުތެއްގައި އެ ޓީމު މާލެ އަންނާނެއެވެ.

މާޒިޔާއާއި ކެނދިކުޅުދޫ ކުޅުނު މެޗުގެ ތެރެއިން ކެނދިކުޅުދޫގެ ކެޕްޓަން އަދި ކީޕަރު

މާޒިޔާއިން މައުލޫމާތުދޭ ގޮތުގައި ރާއްޕެއާއި އެކު ސޮއިކުރީ ދިގު މުއްދަތެއްގެ އެއްބަސްވުމެކެވެ. އެ ކުލަބުން ބުނީ މާޒިޔާއާއެކު އޭނާ ފުރަތަމަ ފަރިތަކުރުންތަކުގައި ވެސް ހުނަރު ފާހަގަވި ކަމަށާއި ރަނގަޅު ތަމްރީނާއި ކޯޗުންގެ އިރުޝާދާއި އެކު އެންމެ މަތީ ފަންތީގައި ގުނާލެވޭނެ ކުޅުންތެރިއަކަށް އޭނާ ވެގެންދާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ކުރިޔަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއާއި އަލަށް ގުޅުނު ކުޅުންތެރިންނާއެކު ވަނީ މި ކޭމްޕުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.