ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ތަރި ކީލިއަން އެމްބާޕޭއަށް ވުރެ އެ ގައުމުގެ އުސްމާން ޑެމްބެލޭ މާ ބޮޑުތަން ވެސް މޮޅު ކަމަށް ބާސެލޯނާގެ ރައީސް ލަޕޯޓާ ބުނެފިއެވެ.

އެމްބާޕޭ އަކީ ދުނިޔޭގެ ފުޓުބޯޅައިގައި ވެސް މިވަގުތު އަރަމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ނަމަވެސް ޑެމްބެލޭއަށް އޭނާގެ ހަގީގީ ފޯމު ދެއްކުމަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެއީ އަނިޔާގެ މައްސަލަ ފުލުފުލުން ދިމާވާތީ އެވެ.

އެއާއެކު ޑެމްބެލޭއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެމުން ބާސެލޯނާގެ ރައީސް ވަނީ އޭނާއަކީ އަދިވެސް ބާސެލޯނާއަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ވިދާޅުވެފައެވެ.

"އެއީ އަދިވެސް ބާސެލޯނާއަށް މުހިއްމު މީހެއް، އޭނަ އަހަންނަށް މާ މޮޅު އެމްބާޕޭއަށް ވުރެވެސް، އަހަރެން ބޭނުންވަނީ ވެސް ޑެމްބެލޭ އާއެކު ބާސެލޯނާއިން އާ އެއްބަސްވުމެއް ހަދަން" ސްޕެއިންގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން ލަޕޯޓާ ވިދާޅުވިއެވެ.

ޑެމްބެލޭއަށް ތައުރީފުގެ ބަސްތައް އޮއްސަމުން ލަޕޯޓާ ވިދާޅުވީ ކުރިޔަށްއޮތް ދުވަސްތަކުގައި ޑެމްބެލޭގެ އެއްބަސްވުން އާކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ލަޕޯޓާ މިހެން ވިދާޅުވިއިރު މި ސީޒަނުގައި ޑެމްބެލޭއަށް ކުޅެވުނީ އެންމެ ތިން މެޗެވެ. ބާކީ އޮތްބައިގައި އޭނާ ހުރީ އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައެވެ. އޭނާ އަދިވެސް އަސްލު ފޯމަކަށް ނޭޅެއެވެ.

ބާސާގެ ރައީސް ވިދާޅުވާ މޮޅު ކުޅުންތެރިޔާ ޑެމްބެލޭ މިދިޔަ ސީޒަނުގައި ވަނީ ބާސެލޯނާއަށް 44 މެޗު ކުޅެދީ 11 ލަނޑު ކާމިޔާބުކޮށްފައެވެ. ރަނގަޅު ފޯމެއްގައި ހުރި އެމްބާޕޭ ވަނީ ބާސެލޯނާއަށް 20 މެޗު ކުޅެދީ 9 ލަނޑު އެ ޓީމަށް މިހާތަނަށް މި ސީޒަނުގައި ކާމިޔާބުކޮށްދީފައެވެ.

ޑެމްބެލޭއަށް ގާތްގާތުގައި ގިނަ އަނިޔާތަކެއް ވާތީ ބާސެލޯނާއިން މީގެކުރިން އޭނާ ވިއްކާލުމުގެ މަސައްކަތް ކުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެ ޓީމަށް ފަހުން ހަވާލުވި ޒަވީގެ ޕްލޭންތަކުގައި ޑެމްބެލޭ ހިމޭނޭތީ އެކަން އެ ކުލަބުން މަޑުޖައްސާލަން ނިންމިއެވެ.