ސްރީލަންކާގައި ނިމިދިޔަ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ސީޝެލްސްއާއި ރާއްޖެ މެޗުގެ ފަހުކޮޅު އެ ޓީމުގެ ކެޕްޓަންގެ މޫނުމަތީގައި ޖެހި މައްސަލައިގައި އެފްއޭއެމުން އަދަބުދީފި އެވެ.

މެޗުގައި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޮއިޓް މޭރީއަށް ބޯޅަ ނެތީސް ރާއްޖޭގެ މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހަމަލާ ދިން މައްސަލައިގައި އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން 12،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުންއިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީ އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑުކޮށްފައެވެ. މީގެތެރޭގައި އެ މެޗުގައި ހޯދި ރަތް ކާޑާއި ގުޅިގެން ވެސް ސަސްޕެންޝަނަށް ދުވަސް އިތުރުކޮށްފައި ވެއެވެ.

ސީޝެލްސްއާ 0-0 އިން އެއްވަރުކޮށް، ރާއްޖެއިން ޕޮއިންޓެއް ހޯދި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކުޅެން އެރި އަޑުބަރޭއަށް ރަތް ކަޑު ދައްކާފައިވަނީ ސީޝެލްސްގެ ކެޕްޓަން މޫނުމަތީގައި އުޅަނބޮށިން ޖެހުމުންނެވެ.

އަޑުބަރޭގެ މި އަމަލާއެކު، ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވިއެވެ. އަދި އޭނާއަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ދިޔައީ ގޮވަމުންނެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން އެފްއޭއެމުގެ އިސް އޮފިޝަލަކު ބުނީ އަޑުބަރޭއަށް ފިޔަވަޅު އެޅުމުގައި ވަކި ކުޅުންތެރިއެއް ތަފާތުނުކޮށް މައްސަލަ ބަލާފައިވާނެ ކަމަށެވެ.

ގައުމީ ޓީމަށް ކުޅުން 2018 ވަނަ އަހަރުގެ ކުރީކޮޅު ކުޅުން ހުއްޓާލި އަޑުބަރޭ މި އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އޭނާ ނެގުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށްވެސް އަމާޒުވިއެވެ. އަދި ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު ގައުމީޓީމަށް ނެގުމުން ސިޔާސީ ނުފޫޒު ވަންނާނެކަމަށް ވެސް ގިނަބަޔަކު ދިޔައީ ވާހަކަދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަބޭ

    ކޮންމެވެސް ކޯޓަކުން ބުނި ބޫންބޫން މައްސަލާގައި 72 ގަޑިއިރު ތެރޭ ބޫންބޫން ނައިސްނސިއްޔާ މި ކަލޭގެއަށް ފިޔަވަޅު އަޅާނަމޭ،

  2. Anonymous

    ތިވަރު އަދަބެއް ދީގެން އެސޮރައް ކުރާނެ އަސަރެއްނެތް، މަދުވެގެން އަހަރެއްގެ ސަސްޕެންސަން ރަނގަޅު އަދި ބައިލައްކަ ރަނގަަޅު ، މެޗެއް ކުޅެލައިގެން ލައްކައިން ފައިދާ ލިބޭ މީހުންމީ.

  3. ޔޫޕެ

    ކޮބާތޯމިއިގެން ނަތީޖާއަކީ އަޑުބަރޭވީމާ 12000 ރުފިޔާއިން ޒޫރިމަނާ އާދައިގެ ނިކަމެތިމީހާވީމާ ދެމިލިޔަނުން ޒޫރިމަނާ މުޅިއުމުރު ސައްޕެސަނުގައި އަދައިމީހާ އަޑުބަރޭ ތިންމަހައް ސައްޕެންޑް މީތޯއިންސާފަކީ