އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ މެންޗެސްޓަރ ސިޓީ ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ލިވަޕޫލް ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

އެއާއެކު ތާވަލުގެ އެއްވަނައިގައި ކުރިން އޮތް ޗެލްސީ ވަނީ ތިންވަަނައަށް ސޮއްސާލާފައެވެ. އެއީ ރޭ ވެސްޓްހޭމް އަތުން އެ ޓީމު ބަލިވުމާއި ގުޅިގެންނެވެ.

ލިވަޕޫލް މޮޅުވެފައިވަނީ ވުލްވްސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. އަދި އޭގެފަހުން ކުޅުނު މެޗުގައި ސިޓީ މޮޅުވީ ވޮޓްފޯޑް އަތުން 3-1 އިންނެވެ. މިއީ މި ސީޒަނުގައި ސިޓީ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ.

މި މެޗުތަކާއި އެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 15 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ލިވަޕޫލު އޮތީ 15 މެޗުން 34 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ޗެލްސީ މިހާރު އޮތީ 14 މެޗުން 32 ޕޮއިންޓާއެކު އެވެ. ވެސްޓް ހޭމް ތާވަލުގެ ހަތަރުވަނައިގައި އޮތީ ކުޅުނު 15 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލް މޮޅުވެފައިވަނީ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުންނެވެ. މި މެޗުގައި ލިވަޕޫލަށް ލަނޑުޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް ޑިއޮގޯ ޖޮޓާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުން ލިވަޕޫލް މޮޅުވި ލަނޑު ޖަހާ އެ ޓީމަށް ހަމަނޭވާއެއް ލެވުނީ އިތުރުވަގުތުގެ ތެރޭގައި ޑިވޮކް އޮރީގީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޮރީގީ މި ލަނޑު ކާމިޔާބުކުރީ މުހައްމަދު ސަލާހު ދިން ބޯޅައަކުންނެވެ.

ސިޓީން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ސިޓީ މޮޅުވި މެޗުގައި އެ ޓީމަށް ލީޑުނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ ހަތަރުވަނަ މިނެޓުގައެވެ. އޭގެފަހުން 31 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ސިޓީއަށް ލީޑު ފުޅާކޮށްދިން އިރު އޭނާ ވަނީ 61 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ވަޓްފޯޑްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގައި ކޫޗޯ ފެނާންޑޭޒް އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ވަނީ 1-0 އިން ބާންލީ ބަލިކޮށްފައެވެ. އަދި ބްރައިޓަން އާއި ސައުތެމްޓަން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.