ބްރެޒިލްގެ ޒުވާން މިޑްފީލްޑަރ ޕިލިއްޕޭ ކުޓީނިއޯ 270 މިލިއަން ޕައުންޑަށް ފްރާންސްގެ ޕީއެސްޖީއަށް ގެންދަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

މިދިޔަ ސީޒަންގައި އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް 142 މިލިއަން ޕައުންޑަށް ގުޅުނު ކުޓީނިއޯ ހޯދަން ޕީއެސްޖީއިން ބާސެލޯނާއަށް 270 މިލިއަން ޕައުންޑްގެ ބިޑެއް ހުށައަޅާފައިވާ ކަމަށް ކުޅިވަރު ހަބަރު ގެނެސްދޭ މުންޑޯ ޑިޕޯވޯއިން ވަނީ ބުނެފައެވެ.

400 މިލިއަން ޕައުންޑްގެ ރިލީސް ކްލައުސް އަކާއި އެކު ޕީއެސްޖީއިން ކުޓީނިއޯ ގެންނަން މަސައްކަތް ފަށާފައިވާއިރު ޕީއެސްޖީއިން ވަނީ ބާސެލޯނާގެ ކުރީގެ ފޯވާޑް ނޭމާ ޖޫނިއާ ވެސް ރެކޯޑް އަގަކަށް އެ ކުލަބަށް ގެންގޮސްފައެވެ.

ޕީއެސްޖީއިން ކުރިއަރަމުން އަންނަ ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުހިފާފައިވާއިރު އެ ކުލަބަކީ ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ފޯވާޑްލައިނެއް އޮތް ކުލަބެވެ.

އަދި ހޫނު މޫސުމުގެ ޓްރާންސްފާގައި ކުޓީނިއޯ ޕީއެސްޖީއިން ފެނުން ގާތް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ސީޒަންގައި ބާސެލޯނާއާއި އެކު ލަލީގާ އާއި ކޮޕަޑެލް ރޭ ކާމިޔާބު ކުރި ކުޓީނިއޯ އަކީ ކުލަބު ފެންވަރުގައި ގިނަ މެޗުތަކެއް ކުޅެދީފައިވާ ކުޅުންތެރިއެކެވެ.

އެގޮތުން ލިވަޕޫލްއަށް ކުޅެދިން 201 މެޗުގައި ކުޓީނިއޯ ވަނީ 54 ގޯލު ޖަހައިފައެވެ. އަދި ބާސެލޯނާއަށް ބަދަލުވި ފަހުން ބާސާއަށް ކުޅެދިން 22 މެޗުގައި އޭނާ ވަނީ 10 ގޯލު ޖަހާފައެވެ.

ވަސްކޮޑަގާމާއިން ކުލަބު ފުޓްބޯޅައިގެ ކެރިއަރުފެށި ކުޓީނިއޯއަކީ އިޓަލީގެ އިންޓަމިލާން އާއި ސްޕެއިންގެ އެސްޕެނިއޯލް ފަދަ ކުލަބުތަކަށްވެސް ކުޅެދީފައިވާ ކުޅުންތެރިއެވެ.

ކުޓީނިއޯ އަކީ ބްރެޒިލްގެ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އެގޮތުން ކުޓީނިއޯ ވަނީ ބްރެޒިލްއަށް ކުޅެދިން 41 މެޗުގައި 12 ގޯލު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޓީނިއޯ ގެ ފޭން ގާލް

    މައި ބޭބީ??❤??