ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާގެ އާ ކޯޗު ޒަވީ ހެނާންޑޭޒްގެ ދަށުން އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ބާސެލޯނާ ބަލިވެފައިވަނީ ރޭ ރެއާލް ބެޓިސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ޒަވީ ކޯޗުކަމާއި ހަވާޅުވިދަހުން ބާސާ ލީގުގައި ކުޅުނު ދެ މެޗުން ވަނީ މިހާތަނަށް މޮޅުވެފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ބެންފީކާ އާއި އެއްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ކުޅުނު 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެއީ ކުޅުނު 16 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެވެ. އެއްވަނައަށް ދިއުމަށް ބާސެލޯނާ އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މި މެޗުގައި ބާސެލޯނާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބެޓިސް ދިޔައީ ބާސެލޯނާގެ ބަލިފައިތަކަށް ބެލުމަށްފަހު އެ ޓީމަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އެ ޓީމުގެ ހުއަންމީ އޮފްސައިޑު ލަނޑެއް ޖެހިއިރު ބާސާގެ ފަހަތުން ގިނަ ޖާގަތަކެއް ތަނަވަސްކުރުމުން އޭގެ ފައިދާވެސް އެ ޓީމުން ނެގިއެވެ.

މެޗުގައި ރެއާލް ބެޓިސްގެ ހަމައެކަނި ލަނޑު ކާމިިޔާބުކޮށްފައި ވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މިއީ ޓެލޯ ދިން ބޯޅައެއްގައި ހުއަންމީ ކާމިޔާބުކުރި ލަނޑެކެވެ. އޭނާ ފޮނުވާލި މި ބޯޅަ ދިޔައީ ތިރިތިރިން ގޯލުގެ ކަނަށެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ އެ ޓީމުން އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި މިއީ ބާސާ މޮޅުވުން ހައްގު މެޗެއް ކަމަށެވެ. އަދި ބަލިވިޔަސް ކުޅުންތެރިންގެ މަސައްކަތާއި މެދު ފަހުރުވެރިވާ ކަމަށް ޒަވީ ބުންޏެވެ.