މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުން މުހައްމަދު ޝާހިލް ހަމީދު ޖާގަ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި ޝާހިލް އިއްޔެ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. މިއީ މުބާރާތެއްގެ ފައިނަލުން ޝާހިލްއަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގައި އެމްޕީބީއޭ ރޭންކިންގެ ހަވަނައިގައި އޮތް ޝާހިލް އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ރޭންކިންގެ ނުވަވަނައިގައި އޮތް އިސްމާއިލް ޖީހާންއާ ދެކޮޅަށެވެ. އެ މެޗުން ޝާހިލް މޮޅުވީ 9-8 ފްރޭމުންނެވެ. އިއްޔެ ޝާހިލް ކުޅުނު ދެވަނަ މެޗުގައި ނުކުތީ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާ ދެކޮޅަށެވެ. އެ މެޗުގައި ޝާޒްގެ މައްޗަށް ޝާހިލް ކުރި ހޯދީ 9-3 ފްރޭމުންނެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނީ ސެމީ ފައިނަލުގެ މެޗަށްފަހުއެވެ. އެ މެޗުގައި ވާދަކުރާނީ ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް އާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒެވެ. މުބާރާތުގައި މީގެ ކުރިން އެ ދެކުޅުންތެރިން ވާދަކުރި މެޗުން މޮޅުވެފައިވަނީ ޝާޒްއެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލުގެ ޖާގައެއް ވެސް ވަނީ ކަށަވަރުވެފައެވެ. އެ ޖާގަ ކަށަވަރުކޮށްފައިވަނީ އަލީ ޝާވިންއެވެ.

އޭނާ އިއްޔެ ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. ޝާވިން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މުހައްމަދު ޝަހުލާން އަތުން 7-2 ފްރޭމުން މޮޅުވި އިރު، ދެވަނަ މެޗުގައި ޝާލިމް އާދަމް އަތުން ވަނީ 7-3 ފްރޭމުން މޮޅުވެފައެވެ. އަދި އިއްޔެ ޝާވިން ކުޅުނު ފަހު މެޗުގައި އައްބާސް ސައީދު އަތުން މޮޅުވީ 7-3 ފްރޭމުންނެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުގައި ޝާވިންއާ ދެކޮޅަށް ނުކުންނާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ކުޅުންތެރިއެކެވެ. އެ މެޗުގައި ވާދަކުރާނީ އައްބާސް ސައީދާއި އިބްރާހިމް ރަޝީދެވެ. އަންހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ވެސް އިއްޔެ ވަނީ ކަށަވަރުވެފައެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ އަންހެނުންގެ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އަހުމަދާއި ހަތަރުވަނައިގައި އޮތް އާމިނަތު އަޒްރާއެވެ.

އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނީ ދެ މެޗުން ވެސް ދީނާ ވަނީ މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ތިންވަނައިގައި އޮތް އާމިނަތު ހަލީމްއާ ވާދަކޮށް 5-4 ފްރޭމުން ދީނާ މޮޅުވި އިރު، ދެވަނަ މެޗުން ދީނާ މޮޅުވީ މަރިޔަމް ހުދުނާއާ ވާދަކޮށް 5-2 ފްރޭމުންނެވެ. މުބާރާތުގެ ޑަބަލްސް އިވެންޓުގެ މެޗުތައް މިއަދު ފެށޭނެއެވެ.

އޭގެ އިތުރުން މިއަދު މިކްސް ޑަބްލްސްގެ ދެ މެޗެއް ވެސް ކުރިއަށްދާނެއެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ.

ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ. މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ބީޖީ ސްޕޯޓްސް، މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ. އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ.

އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.