ބަހްރޭނުގައި މިހާރު ކުރިޔަށްދާ އޭޝިއަން ޕެރަ އޮލިމްޕިކްސްގެ ތާރީހުގައި ބެޑްމިންޓަނުގެ އިވެންޓަކުން ފުރަތަމަ މޮޅު ހޯދި ދިވެހި ކުޅުންތެރިޔާގެ ޝަރަފު ހައްވާ އީޝަލް ރިޔާޒް ހޯދައިފިއެވެ.

އީޝަލް މި މޮޅު ހޯދީ ޕެރަ ބެޑްމިންޓަންގެ އަންހެން ސިންގަލްސް އިވެންޓުގައި ބަންގްލަދޭޝްގެ ޝޯބީ މޮޒުމްބަރް އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އީޝަލް މެޗު ކާމިޔާބުކުރި ސެޓުތައް ގެންދިޔައީ 21-18 އަދި 21-13 އިންނެވެ.

މި މޮޅު ހޯދުމާއެކު ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ އިތުރުން އެކި ފަރާތްތަކުން ދަނީ އީޝަލްއަށް މަރުހަބާކިޔަމުންނެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ

މި ބޮޑު ކާމިޔާބީއާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަނުގެ އިސްވެރިން ވެސް ވަނީ އީޝަލްގެ ހިތްވަރު ފާހަގަކޮށް އޭނާއަށް މަރުހަބާކިޔަމުންނެވެ. މުބާރާތުގައި އީޝަލްއަށް އަދިވެސް މެޗުތަކެއް އެބަހުއްޓެވެ

ހަތަރުވަނަ އޭޝިއަން ޔޫތު ޕެރަލިމްޕިކްސް ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ. މި މުބާރާތުގައި އޭޝިއާގެ 800 އަށްވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ. މި ހުރިހާ އެތްލީޓުންނަކީ ވެސް 23 އަހަރުންދަށުގެ އެތްލީޓުންނެވެ.

އީޝަލްއަށް މި މުބާރާތުގެ ބެޑްމިންޓަން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް އެސޯސިއޭޝަނުންނެވެ.

އީޝަލްއަކީ ތާޖުއްދީން ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އަދި ދެ އަހަރު ވަންދެން ހޭންޑްބޯލް ކުޅުމަށްފަހު 2019 ވަނަ އަހަރު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި ޝަޓަރ ޓައިމް ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    އަޑުބަރޭ މެނަށް ވުރެ ރަނގަޅު. ގައުމުގެ އަގު ވައްޓާނުލާވިއްޔަ.

    16