ސްޕެއިންގެ އިމާރާތްކުރުމުގެ ގާނޫނަށް ނުފެތޭތީ ބާސެލޯނާގައި ހުރި ލިއޮނަލް މެސީގެ 77 އެނދުގެ ހޮޓަލެއް ކަމަށްވާ އެމްއައިއެމް ސިޖްސް ތަޅާލަން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހޮޓަލް ހުންނަނީ މެސީ ބާސެލޯނާގައި ދިރިއުޅުނު ގެއާއި ކުލަބުގެ ސްޓޭޑިއަމާއި ގާތް ހިސާބެއްގައެވެ. މިއީ ސްޕެއިންގައި ހުރި މެސީގެ ތިން ހޮޓަލުގެ ތެރެއިން އެއް ހޮޓަލެވެެ. މި ހޮޓަލު 26 މިލިއަން ޕައުންޑަށް މެސީ ގަނެފައިވަނީ 2017 ވަނަ އަހަރުގައެވެ.

ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީ މި ހޮޓަލް ގަތްއިރު އެ ހޮޓަލަކީ ގާނޫނަށް ފެތޭ ހޮޓަލެއް ކަމެއް އޭނާއަށް ނޭނގެއެވެ. އަދި މިކަން މެސީއަށް ވެސް އެނގުނީ ދާދިފަހުން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ

.

މި ހޮޓަލުގެ ބެލްކަނީތައް ހުންނަނީ ވަރަށް ބޮޑުކޮށެވެ. އަދި އިމާރާތް ހުރީ ފަސޭހައިން ވެއްޓޭނެ ފަދަ ހާލަތެއްގައި ކަމަށްވެސް ބުނެފައިވެއެވެ.މީގެއިތުރުން އެ ހޮޓަލުގެ އަލިފާނުން ސަލާމަތްވާނެ އިންތިޒާމުވެސް ހުރީ ފުރިހަމައަށް ނޫންކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ހޮޓަލް ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ިތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފަރުމާކޮށްފައި ވުމުންނެވެ. އެގޮތުން މި އިމާރާތް ރޭނުމަށް ބޭނުންކުރި ތަކެތީގެ 80 އިންސައްތަ ތަކެއްޗަކީ ރިސައިކަލް ކޮށްފައިވާ ތަކެއްޗެވެ.

މީގެއިތުރުން ނަޖިސް ފެން އެއްކުރުމަށް ބޮޑު ޓޭންކުތަކެއް މި ހޮޓަލުގައި ހުންނައިރު މި އެއްޗެހި ބޭނުންކުރަނީ ގަސްތަކަށް ފެން ދިނުމާއި ފިލްޓަރކުރުމަށް ފަހު ފާހާނާތަކުގެ ފްލަޝް ޓޭންކުތަކުގައެވެ

.

މެސީގެ މި ހޮޓަލުގައި މީހަކަށް ރޭ ކުރެވޭނީ ރެއަކަށް 110 ޔޫރޯ ދައްކައިގެންނެވެ. މި ހޮޓަލަކީ ސްޕެއިންގެ ބާސެލޯނާގަައި އާންމުންގެ މެދުގައި ވަރަށް މަގްބޫލު ހޮޓަލެކެވެ.

އުމުރުން 34 އަހަރުގެ މެސީ ވަނީ ދާދިފަހުން އޭނާގެ ހަތްވަނަ ބެލޮންޑޯ އުފުލާލާފައެވެ. އެއާއެކު އޭނާ ވެގެންގޮސްފައި ވަނީ މި އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ކުޅުންތެރިޔާއަށެވެ.