މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލުގެ ޖާގައެއް އަހުސަން ހާޝިމާއި އައްބާސް ސައީދުގެ ޕެއާ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލުން އަހުސަނާއި އައްބާސްގެ ޕެއާ ކަށަވަރުކޮށްފައިވަނީ އިއްޔެގެ މެޗުންނެވެ. އިއްޔެ ކުޅުނު މެޗުގައި އަހުސަނާއި އައްބާސްގެ ޕެއާ ނުކުތީ އަހުމަދު ނަފީލާއި މުހައްމަދު ޝާހިލް ހަމީދުގެ ޕެއާއާ ދެކޮޅަށެވެ.

އެ މެޗުން އަހުސަނާއި އައްބާސް މޮޅުވީ 7-5 ފްރޭމުންނެވެ. ޑަބަލްސް އިވެންޓުގެ ފައިނަލުގައި އަހުސަނާއި އައްބާސްއާ ދެކޮޅަށް ނުކުންނަ ޕެއާއެއް ކަށަވަރުވާނީ މިއަދު ހަވީރު 4:30 ގައި ކުޅޭ ސެމީ ފައިނަލުގެ މެޗަށްފަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސާހިލް އާއި ނަފީލްގެ ޕެއާ އާއި ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާއެވެ.

މިމަހުގެ އެކަކުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ.

ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ. މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ބީޖީ ސްޕޯޓްސް، މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.