ފްރާންސްއާ ދެކޮޅަށް ކުޅެންޖެހޭނީ ބިރެއް ނެތި ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ބެލްޖިއަމް އާއި ފްރާންސް މިރޭ ބައްދަލުކުރާއިރު، މުބާރާތުގެ ސެމީއަށް ބެލްޖިއަމް ދަތުރުކުރީ ވަރުގަދަ ބްރެޒިލްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. އަދި ފްރާންސް ސެމީ އަށް ދަތުރުކުރީ އުރުގުއޭގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.

ދެ ޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިއިރު ބެލްޖިއަމްގެ ކޯޗު މާޓިނޭޒް ބުނީ މިރޭގެ މެޗުގައި ބެލްޖިއަމްގެ ކުޅުންތެރިން ކުޅެންޖެހޭނީ އެއްވެސް ކަހަލަ ބިރެއް ނެތި ކަމަށާއި ބިރުވެރިކަމެއްގެ ތިބެ ކުޅެފިނަމަ ކުރަން އުޅޭ ކަންތައްތައް އޭގެ އެންމެ އެދެވޭ ގޮތުގައި ނުކުރެވޭނެ ކަމަށެވެ.

"އެއްވެސް ބައެއް ދެކެ ބެލްޖިއަމް މިހާރު ބިރުގަންނާކަށް ނުޖެހޭ. ބިރުވެރިކަމެއްގައި ތިބެގެން މި މެޗާ ކުރިމަތިލައިފިނަމަ އޭގެއިން އަހަރުމެންނަށް ލިބޭނީ ގެއްލުން. އަހަރުމެން ކުރަން އުޅޭ ކަންތައްތައް ވެސް ރަނގަޅަށް ނުކުރެވޭނެ. އެންމެ ފައިދާ ބޮޑު ގޮތަކީ ބިރެއް ނެތި ކުޅުން" މާޓިނޭޒް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ބެލްޖިއަމް ޓީމުން އެންމެ ހާއްސަ ސަލާމުކަމެއް ދޭނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިއަކީ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަށެވެ. މި މުބާރާތުގައި އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާއިރު މާޓިނޭޒް ވަނީ އޭނާ ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެފައެވެ.

"އެމްބާޕޭ ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމެއް. އެމްބާޕޭ އަށް ވުރެ ބޮޑަށް ހުސް ޖާގަތައް ދިނުން މަދުކުރުމަށް ވީހާވެސް ބޮޑަށް އަހަރުމެން އިސްކަން ދޭންޖެހޭނެ. ފްރާންސްގެ ކުރީގައި ހަރަކާތްތެރިވަނީ ހަމައެކަނި އެމްބާޕޭ އެއް ނޫން. އެޓީމުގެ ކުރީގައި ދެން ވެސް ހަރަކާތްތެރިވަނީ ހުނަރުވެރި ކުޅުންތެރިން" މާޓިނޭޒް ބުންޏެވެ.

ބެލްޖިއަމް އިން ބްރެޒިލް ބަލިކުރިއިރު މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ސެމީގައި ބެލްޖިއަމް ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.