އާޖެންޓީނާގެ ކޯޗެއްގެ ގޮތުގައި ކުރިޔަށް އޮތް ތަނުގައި ސަމްޕައޯލީ ހުންނާނެ ކަން އަދި ޔަގީން ނުވެފައި ވާއިރު އެގައުމުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާއި އޭނާ ހަވާލު ވެއްޖެއެވެ.

އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕީއޯ އަދި ނައިބު ރައީސް ޑެނިއެލް އެންޖެލިކީ ވަނީ މިދިޔަ ހޯމަ ދުވަހު ސަމްޕައޯލީ އާއި ބައްދަލު ކޮށްފައެވެ، މިބައްދަލު ވުމުގައި ނިންމާފައިވާ ގޮތުން، ވޯލްޑް ކަޕުގެ ދެވަނަ ބުރުން އާޖެންޓީނާ ކަޓައިގެން ދިޔަ ނަމަވެސް ސަމްޕައޯލީ 20 އަހަރުން ދަށުގެ ގައުމީ ޓީމާއި ހަވާލުވާނެއެވެ.

ވޯލްޑް ކަޕުގައި ސަޕޯޓަރުން އެންމެ އެދެވޭ ވަރުގެ ކުޅުމެއް އާޖެންޓީނާގެ ފަރާތުން ނުދެއްކި، އޭނާ ނިންމި ނިންމުންތަކާއި ކުރި ބަދަލުތަކާއި މެދު ހިތްހަމަ ނުޖެހިގެން، ކުރީގެ ސެވިއްޔާ އަދި ޗިލީ ގައުމީ ޓީމަށް ކޯޗުކަން ކޮށްފައިވާ ސަމްޕައޯލީ އިސްތިއުފާ ދޭން ގިނަ ބަޔަކު އެދިފައި ވެއެވެ.

ކަން މިހެން ވީނަމަވެސް ސަމްޕައޯލީ އަށް 20 އަހަރުން ދަށުގެ ޓީމާއި ހަވާލުވާން ފުރުސަތު ލިބުނީ، ފުރަތަމަ އެޓީމު ހަވާލު ކުރަން ހުރި، ސަމްޕައޯލީގެ އެސިސްޓެންޓު ކޯޗު ސަބެސްޓިއަން ބެއްކަކެކެ އިސްތިއުފާ ދިނުމުންނެވެ. ސަމްޕައޯލީ މިޓީމާއި އެކު ހަރަކާތްތެރިވާނީ ޖުލައި 28 އިން އޮގަސްޓް 7 އާއި ހަމަ އަށް ވެލެންސިއާގައި އޮތް މުބާރާތެއްގައެވެ.

"އެޒީޒާ ދަނޑުގައި ސަމްޕައޯލީ އާއި އެކު ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ގޮތުގައި ވާހަކަ ދެކެވުނީ ވޯލްޑް ކަޕާއި ބެހޭގޮތުން، ކުރިޔަށް އޮތް ބައްދަލު ވުމުގައި އެކްސެކެޓިވް ކޮމިޓީ އިން ބަލާނީ ސަމްޕައޯލީގެ މަސައްކަތާއި ގުޅޭގޮތުން ކުޑަ ޓެސްޓެއް" އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.