ވޯލްޑް ކަޕު ސެމީ ފައިނަލުގައި ބެލްޖިއަމް އާއި ދެކޮޅަށް ނިކުންނައިރު މެޗުގެ ކުރިން ފްރާންސް ކުރި ފަރިތަކުރުން ތަކުގައި އެމްބާޕޭ، ކަންޓޭ، ޕަވާޑް، އަދި އުމިޓިޓީ ބައިވެރިވެފައެއް ނުވެއެވެ.

ހޯމަ ދުވަހު ބޭއްވުނު ފަރިތަކުރުން ތަކުގައި ބައިވެރި ނުވިކަމުގައިވީ ނަމަވެސް މިހުރިހާ ކުޅުންތެރިން މިރޭ ބެލްޖިއަމް އާއި ދެކޮޅަށް ކުޅޭނެ ކަމަށް ފްރާންސް ޓީމުން މައުލޫމާތު ދެއެވެ. 19 އަހަރުގެ އެމްބާޕޭ މިފަހަރުގެ ވޯލްޑް ކަޕުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު އޭނާ އެންމެ މޮޅަށް ކުޅެފައި ވަނީ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

އުމިޓިޓީ، ބެންޖަމިން ޕަވާޑު، އެންގޯލޯ ކަންޓޭ އަދި އެމްބާޕޭ ވަނީ ފްރާންސް އިން މިހާތަނަށް ކުޅުނު މެޗު ތަކުގައި ޑިޝެމްޕްސްގެ އިތުބާރު ހޯދައި ފުރަތަމަ އެގާރައިން ޖާގަ ހޯދާފައެވެ. "ހަތަރު ކުޅުންތެރިން އިއްޔެގެ ފަރިތަކުރުންތަކުގެ ތެރެއިން ނުފެނުނު ކަމުގައި ވީނަމަވެސް މިރޭގެ މެޗުގައި އެންމެ ފިޓު ކޮށް ކުޅުންތެރިން ފެނިގެން ދާނެ" ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝެމްޕްސް ބުންޏެވެ.

ނަމަވެސް ބާސެލޯނާގެ ޑިފެންޑަރު ފަރިތަކުރުން ތަކުގައި ބައިވެރި ވެފައި ނުވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ޑީޝެމްޕްސް ތައްޔާރުވަނީ އުމިޓިޓީ ބޭނުން ކޮށްގެން މެޗު ކުޅޭން ކަމަށް އޭނާ ބުނެފައި ވެއެވެ. އުމިޓިޓީގެ އިތުރުން ކަކުލަށް އަނިޔާ ވެފައި ވަނީ ބެންޖަމިން މެންޑީއެވެ.