ސްޕެއިން އަށް ނިސްބަތްވާ ކުރީގެ ލިވަރޕޫލް އަދި ޗެލްސީގެ ފޯވާޑު ފެނާންޑޯ ޓޮރޭސް ޖަޕާނުގެ ކްލަބެއް ކަމަށްވާ ސަގާން ޓޯސޫ އަށް ބަދަލުވެއްޖެއެވެ.

މިދިޔަ ސީޒަނަށްފަހު ޓޮރޭސް އެތްލެޓިކޯ މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވިއިރު، މިއެއްބަސްވުން އިތުރަށް ދިގު ކުރަން އެތްލެޓިކޯ މެޑްރިޑުން ނިންމާފައެއްނުވެއެވެ. އޭނާ އެންމެ ކުރިން ކުޅުނު އެތްލެޓިކޯ މެޑްރިޑާއި ގުޅުނީ 2014 ވަނަ އަހަރު އޭސީ މިލާން ގައި ލޯނެއްގެ ގޮތުގައި ހުރުމަށްފަހުގައެވެ.

ޓޮރޭސްގެ ފުޓުބޯޅަ ކެރިއާގައި އޭނާ ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕު އަދި 2010 ވަނަ އަހަރު ސްޕެއިން އާއި އެކު ފީފާ ވޯލްޑް ކަޕު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ޗެލްސީ އާއި އެއްކޮށް ފެނާންޑޯ ޓޮރޭސް ވަނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

8 އަހަރު ތެރޭގައި ޓޮރޭސް ވަނީ 126 ލަނޑު 314 މެޗުގައި ޖަހާފައެވެ. މީގެ ތެރޭގައި 4 އަހަރު ވަންދެން އޭނާ ކުޅެފައިވަނީ ލިވަރޕޫލް އަށެވެ. އޭނާ ލިވަރޕޫލްގައި ކުޅުނު 142 މެޗުގައި ޖަހާފައިވަނީ 81 ލަނޑެވެ.

"އަހަރެންނަށް ފްރާންސް، ޖަރުމަނު އަދި ސްޕެއިންގެ އެހެން ކްލަބަކަށް ކުޅެން ފުރުސަތު ލިބުނު، ނަމަވެސް އަހަރެން އެއްފަހަރުވެސް ޔޫރަޕުގައި ކުޅެން ނުވިސްނަން މިސީޒަނުގައި. އަހަރެން ބޭނުންވީ މުޅިން ތަފާތު ތަނެއްގައި ބޮޑު ޗެލެންޖެއް" މިއަދު ޖަޕާނުގެ ސަގަން ޓޯސޫ އަށް ބަދަލު ވުމަށްފަހު ޓޮރޭސް ބުންޏެވެ.