ދިގު މުއްދަތަކަށްފަހު މިހާރު ކުރިޔަށްގެންދާ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ރ. އަލިފުށީ ޓާފް ފުޓުބޯޅަ ދަނޑުގައި ކުޅެވޭތޯ މަޝްވަރާކޮށްފި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި މުބާރާތް މިހާރު މާލޭގައި ދަނީ ކުރިޔަށެވެ. ޖުމްލަ އަށް ޓީމު މި މުބާރާތުގައި ވާދަކުރާއިރު ފައިނަލް މެޗު މާލެއިން ބޭރުގައި ކުޅެވޭތޯ ވަނީ މަސައްކަތް ފަށާފައެވެ.

އެ މަސައްކަތުގެ ތެރެއިން ރ.އަލިފުށީ ކައުންސިލުން ވަނީ އިއްޔެ ކަމާ ގުޅުންހުރި އިދާރާތަކާއެކު އެ ރަށު ކައުންސިލުން ބައްދަލުކުރި ކަމުގެ ފޮޓޯތަކެއް ރަށު ކައުންސިލުގެ ފޭސްބުކްގައި ހިއްސާކޮށްފައެވެ.

ފޮޓޯތަކުން ފެންނަގޮތުން ސަރުކާރު ފަޅިން މި ދަތުރުގައި އެންމެ މީހެއްގެ ގޮތުގައި ބައިވެރިވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެވެ. މީގެއިތުރުން އެފްއޭއެމުގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓްގެ ފަރާތުން އިސްމާއިލް ރިޔާޒްއާއި ޝާހު އިސްމާއިލް (ސާޔާ) ވަނީ ބައިވެރިވެފައެވެ.

އަލިފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުުގެ ތެރެއިން-- ފޮޓޯ: އަލިފުށި ކައުންސިލް

އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ކުޅުމަށް މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށުގެ ޓާފް ދަނޑު ނިމިފައިވާކަން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ އިއުލާނުކުރައްވާފައެވެ.

ޕްރެޒިޑެންޓްސް ކަޕް އެންމެފަހުން ބޭއްވީ 2017 ވަނަ އަހަރުގައެވެ. އެފަހަރު ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދިއިރު، މާލެއިން ބޭރުގައި އެންމެފަހުން މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މެޗުތައް ކުޅުނީ ކުޅުދުއްފުއްޓާއި އައްޑޫގައެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.