ވޯލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ފްރާންްސްއާ ދެކޮޅަށް ބެލްޖިއަމް ނުުކުންނައިރު، "ބިރަކާ ނުލައި" ކުޅުމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދީފަ އެވެ. ބެލްޖިއަމްގެ "ރަން ޖީލު"ގެ ގޮތުގައި ނަން ދީފައިވާ ޓީމުން ވޯލްޑް ކަޕްގައި މިހާތަނަށް ދައްކާފައިވާ ކުޅުމަށް ވަނީ ތައުރީފް ލިބިފަ އެވެ. ހާއްސަކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލްގެ މައްޗަށް ބެލްޖިއަމް އިން ކުރި ހޯދި މެޗުގައި އެ ޓީމުން ދެއްކި ކުޅުމާއި، ކޯޗު މާޓިނޭޒްގެ ރޭވުންތެރިކަމަށް ތަޖުރިބާކާރުން ދަނީ ތައުރީފް ކުރަމުންނެވެ.

ބައެއް މީޑިއާތަކުން ފާހަގަކުރާ ގޮތުގައި ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނުކުންނައިރު، ބެލްޖިއަމް އަށް ލިބޭ އެއް ފައިދާ އަކީ އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ ހުރުމެވެ. އަދި މިއީ މި މެޗު އިތުރަށް ހާއްސަވެގެންދާނެ ކަމެކެވެ. އޮންރީ އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސް ކާމިޔާބުކުރިއިރު، އެ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ފްރާްންސްގެ ކޯޗަކަށް މިހާރު ހުރީ އެ ޓީމުގެ ކެޕްޓަނެވެ.

ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑެބްރޮއިނާ ބުނީ މި މެޗަށް ނުކުންނައިރު ދެ ޓީމަށް ވެސް އޮތީ ހަމަ ފުރުސަތެއް ކަމަށެވެ.
"ވޯލްޑް ކަޕްގެ ސެމީ ފައިނަލަކަށް ނުކުންނައިރު، ދެ ޓީމު ވެސް އޮންނާނީ ހަމަހަމަ ލެވަލްއެއްގައި. އަހަރެމެންނަށް މަސައްކަތްކުރެވޭނީ މެޗުން މޮޅުވާން. މިއީ ފުޓްބޯޅައިގައި ކަން ހިނގާ ގޮތް،،" ޑެބްރޮއިނާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް މުނިއޭ ވަނީ ސަސްޕެންޑްވެފަ އެވެ.

ފްރާންސްގެ ޓީމަށް ބަލާއިރު، ސަސްޕެންޝަނަށް ފަހު މިޑްފީލްޑަރ ބްލައިސް މަޓުއީޑީ އަށް މިރޭގެ މެޗުގައި ކުޅެވޭނެ އެވެ. ފްރާްންސްގެ ޓީމަށް މާބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.

ފްރާންސްގެ ޑިފެންޑަރ ރަފައެލް ވަރާން ބުނީ ބެލްޖިއަމްގެ އެޓޭކް ވަރަށް ވަރުގަދަ ކަމަށާއި ބެލްޖިއަމްގެ ވަކިވަކި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ.

"ބެލްޖިއަމް (ރޮމެއޫ) ލުކާކީ އަކީ ފިސިކަލީ ގޮތުން ވަރަށް ވަރުގަދަ ފޯވަޑެއް. ކޮންމެ ޑިފެންޑަރަކަށް ވެސް ލުކާކޫއާ ދެކޮޅަށް އުނދަގޫވާނެ. ދެން (އެޑެން) ހަޒާޑަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ޖާގަ ދީފިއްޔާ ހަޒާޑް ވެެސް އިދިކޮޅު ޓީމަށް ވަރަަށް ގިނަ އުނދަގޫތައް ކުރާނެ،" ވަރާން ބުންޏެވެ.

ފްރާންސް:

މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސް ވާދަކުރާ ހަ ވަނަ ފަހަރު.

ވޯލްޑް ކަޕާއި ޔޫރޯގައި އެންމެ ފަހުން ކުޅުނު ހަ ނޮކްއައުޓް މެޗުގައި، ފްރާންސްގެ ފޯވަޑް އެންޓުއާން ގްރީޒްމަން ވަނީ ހަތް ލަނޑު ޖަހައިފަ.

ބެލްޖިއަމް:

ބެލްޖިއަމް މީގެ ކުރިން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރީ 1986 ވަނަ އަހަރު.

އެންމެ ފަހުން ކުޅުނު 24 މެޗުން ބެލްޖިއަމް ބައްޔެއް ނުވޭ. އެންމެ ފަހުން ކުޅުނު ހަތް މެޗުން އެ ޓީމު ވަނީ މޮޅުވެފަ.

އެނގޭތަ؟

ފްރާންސް މިހާތަނަށް އެންމެ ގިނައިން ކުޅެފައިވަނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މިހާތަނަށް ހަތް ފަހަރު ބައްދަލުކޮށްފަ އެވެ. އެކަމަކު ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރީ ދެ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު