މި ޖެނުއަރީ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލަން ބޭނުންނުވާ ކަމަށާއި އަމާޒަކީ ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ކާމިިޔާބުކުރުން ކަމަށް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

މި ސީޒަން ނިމުމުން ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އޭނާއާާއެކު އިތުރު އެއްބަސްވުމެއް ހެދުމަށް ޕީއެސްޖީން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. މި ސީޒަން ނިމުމަށްފަހު އޭނާ ބަދަލުވުން ގާތީ ރެއާލް މެޑްރިޑާއެވެ.

މީގެކުރިން ވެސް އެމްބާޕޭ ވަނީ ޕީއެސްޖީ ދޫކޮށް ޔޫރަޕުގެ ބޮޑު ކުލަބަކަށް ބަދަލުވާން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ޕީއެސްޖީން ވަނީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރގައި އެމްބާޕޭ ގެނައުމަށް ރެއާލް މެޑްރިޑުން ހުށައެޅި 189 މިލިއަން ޕައުންޑްގެ ދުނިޔޭގެ ރެކޯޑު އަދަދެއްގެ ހުށައެޅުމަށް ނޫނެކޭ ބުނެފައެވެ. .އޭގެފަހުން ވެސް ރެއާލުން އެތަކެއް ފަހަރު ބޮޑު އަގުގައި އޭނާ ގެންނަން މަސައްކަތްކުރި ނަމަވެސް ޕީއެސްޖީން ދިޔައީ އެކަމާއި ދެކޮޅު ހަދަމުންނެވެ.

މިހާތަނަށް އައި އިރު އޭނާގެ ޓްރާންސްފަރ އާއި ގުޅޭގޮތުން ވާހަކަތަކެއް ނުދެއްކި ނަމަވެސް މީގެކުރިން ވެސް ރިޕޯޓުތައް ބުނަމުން އައީ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވާނެ ކަމަށެވެ. ޕީއެސްޖީން ވެސް މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކައެވެ. އޭރުވެސް އެ ކުލަބުން ބުނަމުން އައީ އެމްބާޕޭ އެ ކުލަބުގައި މަޑުކުރާނެ ކަމަށެވެ.

ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ވާހަކަދައްކަމުން އެމްބާޕޭ ބުނީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެއީ ޕީއެސްޖީގެ ސަޕޯޓަރުންނަށް ހައްގު އެއްޗެއް ކަމަށެވެ. އަދި ބޭނުންވަނީ ރެއާލް މެޑްރިޑް ބަލިކޮށް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުން ކަމަށްވެސް އެމްބާޕޭ ބުންޏެވެ.