ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެމުން އަންނަ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ކުލަބް ވެލެންސިއާ ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ކުލަބު ވެލެންސިއާ ކާމިޔާބުކޮށްފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ކުލަބް ވެލެންސިއާގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ވެލެންސިއާ ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދިއިރު އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) 5-0 އިން ބަލިކޮށްފައެވެ. ދެވަނަ މެޗު ކާމިޔާބުކުރީ ކުލަބް ގްރީންސްޓްރީޓްސް އަތުން 3-1 އިންނެވެ. އަދި ތިންވަނަ މެޗުގައި މިއަދު މޮޅުވީ ދަ ގްރާންޑޭ އަތުން 1-0 އިންނެވެ.

އެއް މެޗު އިތުރަށް ކުޅެގެން ކުލަބް ވެލެންސިއާ މިހާރު އޮތީ އެއްވަނައިގައި 9 ޕޮއިންޓާއެކު އެވެ. ދެވަނައިގައި މާޒިޔާ އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ކުލަބް ގްރީންޓްރީޓްސް އޮތްއިރު ހަތަރުވަނައިގައި އޮތީ ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އެވެ

ފަސްވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކުލަބެވެ. އަދި ހަވަނައިގައި ދަ ގްރާންޑޭ އޮތްއިރު ހަތްވަނައިގައި އޮތީ ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) އެވެ. އެންމެ ފުލުގައި އޮތީ ކުލަބް އީގަލްސް އެވެ.

ދަ ގްރާންޑޭ އަތުން މޮޅުވި މެޗުގައި ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ހާއްސަކޮށް ވެލެންސިއާގެ ފޯވާޑް ލައިނުގެ ނުރައްކާތެރިކަން މި މެޗުގައި ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.

ވެލެންސިއާއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ސެންޓޭ ކާމިޔާބުކުރި އިރު މިއީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބޯހަސް އަށް ދިން ބޯޅައެއްގައި ސެންޓޭ ކާމިޔާބުކުރި ލަނޑެކެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ގްރީންސްޓްރީޓްސް އާއި ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) އެވެ.